އަލަށް އިންތީޚާބުވި މާލޭ ސިޓީ ކައުންސިލް މެންބަރުން ހުވާ ކުރުމުގެ ދަރުބާރު ބޭއްވުމަށް ދަރުބާރުގެއިން މާލަމެއް ނުލިބުމުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ހުވާ ކުރުން ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މާލޭގެ މޭޔަރ މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިހާބު ވިދާޅުވީ ކައުންސިލްގެ ހުވާކުރުމަށް ދަރުބާރުގެ ލިބޭތޯ ފުރަތަމަ ވެސް މަސައްކަތް ކުރެއްވިން ކަމަށާއި ބޭނުންވި މާލަން ހުސްކޮށް އޮތްކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ޝިހާބު ވިދާޅުވީ މާލަން ހުސްކޮށް އޮތްނަމަވެސް އެފަރާތުން އެދުނީ 12000 ރުފިޔާ އެޑްވާންސަށް ދެއްކުމަށް ކަމަށާއި އެހެންކަމުން ފިނޭންސަށް އެކަމާ ގުޅޭ ގޮތުން ލިޔެފައިވާ ކަމަށެވެ.
"އެހެން އޮއްވާ ހައުސިން މިނިސްޓްރީން އަޅުގަނޑުމެންގެ ސެކްރެޓަރީ ޖެނެރަލްއަށް ގުޅާފައި އެ މާލަން ވަނީ މާކުރިންސުރެ ބަޔަކަށް ދޫކޮށްފައި ކަމަށާއި އެތަން ހުސްކޮށް ނެތްކަމަށް ބުނި،" ޝިހާބު ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވީ ދަރުބާރުގެ ނުލިބުމުން މިހާރު ޣިޔާސުއްދީންގައި ހުވާކުރުން ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެތަނުގެ ހޯލް މިވަގުތައް ލިބިފައި އޮތްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޝިހާބު ވިދާޅުވިއެވެ.
އަަލަށް އިންތިޚާބުވި އައްޑޫ ސިޓީ ކައުންސިލް ހުވާ ކުރާނެ ހޯލެއް ލިބުމުގައި ދަތިތަކެއް ހުރިކަމަށް އައްޑޫ ސިޓީގެ މިހާރުގެ މޭޔަރ ޢަބްދުﷲ ސޯދިޤް (ސޯބެ) ވެސް ވަނީ ރާއްޖެ އެމްވީއަށް ވިދާޅުވެފައެވެ. އެގޮތުން އެސިޓީގެ ސްކޫލެއްގެ ހޯލެއް ލިބިފައި ނުވުމުން އެލްޖީއޭ މެދުވެރިކޮށްވެސް ތަނެއް ލިބޭތޯ މަސައްކަތް ކުރައްވާފައިވާނޭ ކަމަށް ސޯބެ ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ތަނެއް ހަމަ ޖެހިފައި ނުވާކަމަށް ސޯބެ ވިދާޅުވިއެވެ.
އަންނަމަހުގެ 3 ވަނަ ދުވަހުގެރޭގެ 12 ޖެހުމުގެ ކުރިން ހުވާކުރަން ޖެހޭއިރު ބައެއް އެހެން ރަށްރަށުގައިވެސް ހުވާކުރާނެ ހޯލެއް ނުލިބުމުގެ ކަންބޮޑުވުން އެބަހުރި ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ޚާއްޞަކޮށް އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބުނު ކައުންސިލްތަކަށް އެކަން ބޮޑުކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.