އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލާއި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
ޕޯޓްސް ބިލްޑިންގްގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ އިލެކްޝަން ކޮމިޝަންގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތިޖޫރިފަޅާލާއިފައިވާކަން އެނގިފައި ވަނީ އެ ކޮމިޝަންގެ މުވައްޒިފުން އާދީއްތަ ދުވަހު ހެނދުނު އޮފީހަށް ނިކުތުމުންނެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ތިޖޫރި ފަޅާލީ އެކޮމިޝަންގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ. ތިޖޫރި ފަޅާލާއި އޭގައި ހުރި ފައިސާ ގެންގޮސްފައިވާ ކަމަށް އެނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ތިޖޫރީން ގެއްލުނު ފައިސާގެ އަދާދުގެ ތަފްސީލެއް އަކްރަމް ނުދެއްވައެވެ.
ތިޖޫރި ފަޅާލި މައްސަލަ ފުލުހުން ތަހްގީގް ކުރަމުން އަންނަ އިރު އިލެކްޝަން ކޮމިޝަން ހުންނަ ޕޯޓް ބިލްޑިންގް އިމާރާތަކީ ސީސީޓީވީ ހަރުކޮށް މޮނިޓަ ކުރަމުންދާ އިމާރާތެއް ކަން ފާހަގަކޮށްލެވެ. އަދި އިމާރާތުގެ ތިރީގައި ސެކިއުރިޓީ އޮފިސަރެއް އަބަދުވެސް އިނދެއެވެ.