ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ފާސްކުރީ 1932 ގައެވެ. އެ ގާނޫނުއަސާސީން ދިވެހި ރައްޔިތުން ކިޔެވުން ލާޒިމުކުރެއެވެ. އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ގުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި، ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މި ގާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ." އެ ގާނޫނުއަސާސީގެ 15 ވަނަ މާއްދާގައިވެއެވެ. "ގާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެ މަތިން ކިޔެވުމާއި، ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ."

މި ގާނޫނުއަސާސީގެ ދަށުން 1932ން 1933ށް އެއް އަހަރުގެތެރޭގައި އެންމެ ފުަރަތަމަ ފާސްވި ގާނޫނުތަކުގެ ތެރޭގައި ތައުލީމާއި އިލްމާއި އުނގެނުމާބެހޭ ބައެއް ގާނޫނުތައް ހިމެނެއެވެ. އެގޮތުން ގުރުއާން ކިޔެވުމާއި، ޢަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ގާނޫނު، އަމިއްލަ ސަނަދުތަކުގައި އިސްޓޭމްޕް ޖެހުމުގެ ގާނޫނު ހިމެނެއެވެ. ގުރުއާން ކިޔެވުމާއި، އަރަބިއަކުރާއި ތާނައަކުރު ދަސްކުޅައުމުގެ ގާނޫނަކީ، ފުރަތަމަ ގާނޫނުއަސާސީގެ 14 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގު ލިބިދިނުމަށްޓަކައި، ފުރަތަމަ ގާނޫނުއަސާސީއަށް އަހަރެެއްވެސް ނުވަނީސް ހެދުނު ގާނޫނެކެވެ.

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މައާރިފް ނުވަތަ ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަނަކީ އަލްއުސްތާޒު އަހުމަދު ކާމިލުދީދީއެވެ. ގާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ގާނޫނުތައް ތަންފީޒު ކުރައްވަން 1932ން 1933ށް އެމަނިކުފާނު ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެެއްވިއެވެ. މަދުރަސަތުއްސަނިއްޔާގަައި އަންހެން ދަރިވަރުންނަށް ތައަލީމު ދެއްވަން ފެއްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

އެއަށްފަހު އައީ އަލްއަމީރު ހަސަން ފަރީދު ދީދީގެ ދައުރެވެ. އެ ދައުރުގައި ތައުލީމު ހީނަރުވިއެވެ. އެކަމަކު ދިވެހިބަހާއި އަދަބީ ސަގާފީ ކަންކަން ކުރިޔަށްދިޔައެވެ. ދެން އައި އަމީނީ ދައުރުގައި ތައުލީމު ދިނުމާއި އުގަންނައިދިނުން "މެކުހަށް" ޖެއްސެވިއެވެ. ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނު ސަރުކާރު ހިންގެވިއިރު (1954 - 1957) ހިންގެވި އިލްޒާމީ ތައުލީމުގެ ގާނޫނުވެސް ހިނގަމުން ދިޔައެވެ.

މި ގާނޫނުގެ ދަށުން ލާޒިމުކަންކަން އުނގަންނަައި ދެއްވުމަށް ދައުލަތުގެ ފަރާތުން ރާއްޖޭގެ ކޮންމެ ރަށެއްގައި މުދައްރިސުން ކަނޑައަޅުއްވައިގެން ހުރިހާ ރަށެއްގައި އުނގަންނައި ދެއްވިއެވެ.

0%
100%
0%
0%
0%
0%