ހޮނިހިރު ދުވަހު ވެއްޓުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)ގެ އެއާޓެކްސީ ވެއްޓުނު މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފިއެވެ.
ޓީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން ހާދިސާ ހިނގީ މޫދަށް ޖައްސަން އުޅުމުގެ ތެރޭގައި ގެއްލުންތަކެއް ވުމުންނެވެ.
އެ މައްސަލާގައި ކަމާ ބެހޭ އެހެން ފަރާތްތަކުގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ޓީއެމްއޭއިން ވަނީ ބުނެފައެވެ.
ޓީއެމްއޭގެ 8Q-TMV ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓަޑްރޯމް ތެރެއަށް ވެއްޓުނީ ކޮންރެޑް މޯލްޑިވްސްއިން މީހުން ގޮވައިގެން އައިސް ޖައްސަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި ބޯޓުން ދަތުރު ކުރި ނުވަ މީހުން ސަލާމަތް ކުރުމަށްފަހު ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ވެއްޓުނު އިރު ބޯޓުގައި ތިބީ ޖުމްލަ 12 މީހުންނެވެ.
ބޯޓު ވަނީ ހުޅުމާލޭ ފަޅު ތެރޭގައި އޮންނަ ވޯޓަ ޑްރޯމްތެރެއަށް އަޑިއަށް ގޮސްފައެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ޓީއެމްއޭގެ ބޯޓެއް ފުރޮޅާލި ހާދިސާއެއް ހޮނިހިރު ދުވަހުގެ ހެނދުނު ހިނގި ކަމަށާއި، އެ ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް ބޯޓް ފެންމައްޗަށް ނަގައި އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ޓީއެމްއޭގެ ބޯޓެއް ވެއްޓިފައިވެ އެވެ. 15 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ޓީއެމްއޭގެ ބޯޓް ވެއްޓިފައިވަނީ ޅ. ކުރެއްދޫ ރިސޯޓް ކައިރިއަށެވެ. 2011 ވަނަ އަހަރުގެ ތެރޭގައި ބިޔާދޫ ރިސޯޓް ކައިރިއަށް ވެސް ޓީއެމްއޭގެ ބޯޓެއް ވެއްޓުނެވެ.