ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށްސީރިއަސް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައިދެއްވުމަށް އެދި އާއިލާއިން ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވަނިކޮށް، އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅިގެން ބުނާނެ އެއްޗެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އަދީބުގެ ޢާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ބޮޑެތި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަން އަދީބަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ކަށަވަރުވެފައިވާ ކަމަށެވެ.
ޢާއިލާއިން ބުނީ ބޮޑެތި ބަލިތަކާ ގުޅިގެން ޢާއިލާގެ ހަވާލުގައި ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތަކީ ބަންދުގައި ތިބޭ އެންމެހާ ފަރާތްތަކަށް ދެވޭ ފުރުސަތެއް ކަމަށާއި އެހެންކަމުން ޢާއިލާގެ ފަރާތުން މިހާރު ވާނީ ބޭސްފަރުވާއަށް އަހުމަދު އަދީބް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައި ކަމަށެވެ.
އާއިލާއިން އެފަދަ ވާހަތަކެއް ދައްކާފައިވަނިކޮށް، އަދީބުގެ ބޭސްފަރުވާގެ ކަންތައްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރާއްޖެއެމްވީއިން ފުލުހުންނާ ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް. ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފުލުހުން ކުރާނެ ކޮމެންޓެއް ނެތް ކަމަށެވެ.
ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަދީބު ހައްޔަރުކުރިއިރު، އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގި މަރުހަލާގައިވެސް ސިއްޚީ މައްސަލަތަކެއް ކުރިމަތިވި އެވެ. އެހެންނަމަވެސް، ވަރަށް ގިނަ ދުވަސް ވަންދެން މާލެ ނުގެނެސް ދޫނިދޫއަށް ޑޮކްޓަރުންނާއި މެޝިނަރީޒް ގެންގޮސްގެން ފަރުވާ ދީފައިވެ އެވެ. ނަމަވެސް، މިފަހުން އަދީބު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަމުންދެ އެވެ.