Advertisement
ކ. މާލެ
|
27 މެއި 2017 | ހޮނިހިރު 15:51
ހައްޖަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނުނެގުމަށް އޭސީސީން ވަނީ އަންގާފައި
ހައްޖަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނުނެގުމަށް އޭސީސީން ވަނީ އަންގާފައި
ގޫގުލް
ހައްޖު ކޯޓާ
ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް
މީހުން އަތުން ފައިސާ ނުނެގުމަށްވެސް ވަނީ އިލްތިމާސް ކޮށްފައި
ވަރަށް އަވަހަށް އެމައްސަލަ ބަލައި ކޯޓާ ދޫކުރަން ފެށޭތޯ މިދަނީ ބަލަމުން
ކޯޓާ ދޫކުރުމުގައި ނުފޫޒް ފޯރުވާކަމަށް ބެލެވޭ އޯޑިއޯތަކެއް ވަނީ ލީކުވެފައި

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިނުމުގައި ގަވާއިދާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އަސްކޮއެ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި އެކުންފުނިން ދައުވާ ކުރަނީ އިސްލާމިކް މިނިސްޓްރީގެ މައްޗަށެވެ. މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

މި އަހަރު ހައްޖަށް މީހުން ގެންދަން 16 ކުންފުންޏަކުން ކުރިމަތިލާފައިވާއިރު ކޯޓާ ދިނީ ހަ ކުންފުންޏަކަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅީ ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޔާއަތްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

އެގޮތުން އޭސީސީ އަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ކޮމިޝަނުން ބުނެފައި ވަނީ ރާއްޖެއިން 1438 ވަނަ އަހަރު ހައްޖަށް ގެންދިއުމަށް މީހުން އަތުން ގުރޫޕްތަކުން ފައިސާ ނުނެގުމަށާއި ހައްޖަށް ދިއުމަށް ގުރޫޕްތަކަށް ފައިސާ ނުދައްކާ މަޑުޖައްސާލުމަށް އަންގާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ 1438ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށްޓަކައި އެކަމަށް އެދޭ ފަރާތްތަކަށް ޙައްޖުކޯޓާ ދޫކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރެއްވި އިޢުލާނާ ގުޅިގެން ޙައްޖުކޯޓާ ލިބޭ ފަރާތްތައް ހޮއްވެވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެ ކޮމިޝަނަށް ސީރިއަސް ޝަކުވާތަކެއް ލިބެމުންދާތީ، އެ މައްސަލަ އެ ކޮމިޝަނުން ދަނީ ތަޙްޤީޤްކުރަމުން ކަމަށެވެ.

އެ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލަ ބަލައި ނިމިގެން ވަކި ގޮތަކަށް އަންގަންދެން، 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމުގެ މަސައްކަތާގުޅޭ އިތުރު އެއްވެސް ކަމެއް ކުރިއަށް ނުގެންދެވުމަށް އާދީއްތަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ވާނީ ދެންނެވިފައި ކަމަށެވެ.

އޭސީސީން ބުނީ މި އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދޭނެ ކުންފުނިތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޢާންމުކުރެއްވުމާ ގުޅިގެން، ބައެއް ކުންފުނިތަކުން ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން ފައިސާ ނަގަމުންދާކަމުގެ ޝަކުވާވެސް ވަނީ ހުށަހެޅިފައި ކަމަށެވެ. އެހެންކަމުން 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށްޓަކައި މިހާތަނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެއްވެސް ކުންފުންޏަކަށް ހުއްދަދީ، ކޯޓާ ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިނުވާތީ، ކުންފުނިތަކުން ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން ފައިސާ ނުނެގުމަށާއި، އަދި ޢާންމު ފަރާތްތަކުންވެސް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ. އަދި އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ އެ ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މައްސަލަ ބަލައި ނިމުމުން

ނިންމާގޮތެއް ވަރަށް އަވަސް ފުރުޞަތެއްގައި ހާމަކުރާނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ހައްޖު ކޯޓާ ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމުގެ ތުހުމަތުތައް ކުރެވިފައިވާ އިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޯޓާ ދޫކޮށް އުމުރާ ގްރޫޕްތަކަށް ހުއްދަ ދިންކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ވާހަކަތަކުގެ އޯޑިއޯއެއް ވަނީ ލީކްވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް