ސަންގު ޓީވީ ހިންގާ ކޮކޯނާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރެއްގެ ސޮއި ފޯޖްކޮށްގެން ކުންފުނީގެ ހިއްސާ ބަދަލުކުރި ކަމަށް ބުނާ މައްސަލައިގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ކޮކޯނާ އިންޓަނޭޝަނަލްގެ ހިއްސާދާރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދުގެ ހިއްސާގެ ތެރެއިން 49 އިންސައްތަ ހިއްސާ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ކުންފުނީގެ 99 އިންސައްތަ ހިއްސާ އަސްވާޑުގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ ޔާމީންއެވެ.
ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ ސޮއި ފޯޖްކޮށްގެން ކުންފުނީގެ ހިއްސާ ބަދަލުކޮށް، މިހާރު އޭނާ އަށް ލިބެނީ ކުންފުނީގެ އެކެއް އިންސައްތަ ހިއްސާ އެވެ. ނަމަވެސް ޔާމީންގެ ތުހުމަތުތައް އަސްވާޑު ދޮގުކުރެ އެވެ. އޭނާ ވިދާޅުވާެފައިވާ ގޮތުގައި ހިއްސާ ބަދަލުކުރީ ޔާމީންގެ ރުހުމުގަ އެވެ.
މި މައްސަލައާ ގުޅިގެން އަލްހާނުގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގީ އަސްވާޑަށް ގާނޫނީ ލަފާ ދިން ކަމަށް ބުނެއެވެ.
އަލްހާނުގެ މައްސަލަ ފުލުހުން ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. ނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާދީފައި ވަނީ މި މައްސަލައިގައި އަލްހާނުގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށެވެ.
މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުން، ފުލުހުން ވަނީ މައްސަލަ ފައިލްކޮށްފަ އެވެ. މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން ވަނީ މިމަހުގެ 21 ވަނަ ދުވަހު އަލްހާނަށް އަންގާފަ އެވެ.