އަންހެން ކުދިން ތައުލީމު ހާސިލުކުރުމަށް ވަކާލާތުކޮށް މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އަދި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލުކޮށްފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ ކައިވެނިކޮށްފިއެވެ.
އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުން އަންނަ މަލާލާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަސަރްއާ ކައިވެނިކޮށްފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ބަރމިންގހަމްގައި، އޭނާގެ ގޭގައި ކަމަށެވެ. ކައިވެނީގެ ކުޑަކުޑަ ހަފްލާއެއް ގޭގައި އާއިލާގެ މީހުންނާއެކު ބޭއްވިކަމަށް މަލާލާ ވަނީ ބުނެފައެވެ. މަލާލާ އޭނާގެ ޓްވީޓްގައި ފިރިމީހާގެ ނަމަކީ އަސަރްކަން ބުނުން ފިޔަވައި ފިރިމީހާ އާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއްނުވެއެވެ.
ނަމަވެސް ސޯޝަލް މީޑިޔާގެ އެކި ފަރާތްތަކުން ވަނީ އަސަރް އަކީ ކާކުކަން ހޯދާފައެވެ. އެގޮތުން ބައެއް މީޑިޔާ ރިޕޯޓްތަކުންނާއި ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އަސަރްގެ ފުރިހަމަ ނަމަކީ އަސަރް މާލިކް އެވެ. އޭނާއަކީ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ހައި ޕާފޯރމެންސް ސެންޓަރުގެ ޖެނެރަލް މެނޭޖަރކަމަށް ޕާކިސްތާނުގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އުމުރުން 24 އަހަރުގައި މަލާލާ ކައިވެނިކޮށްފައިވާއިރު އުމުރުން 15 އަހަރުގައި ތާލިބާނުން ދިން ހަމަލާތަކެއްގެ ޝިކާރައަކަށް މަލާލާ ވަނީ ވެފައެވެ. އެހަމަލާތަކުން އޭނާގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. އޭގެފަހުން މަލާލާ މަސައްކަތްކުރަމުން އަންނަނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުގައި ވަކާލާތުކުރުމުގައެވެ. ހުޅަނގުގެ ގައުމުތަކުގައި މަލާލާއަށް ގިނަ ބަޔެއްގެ ތައުރީފް ލިބިފައިވީނަމަވެސް އޭނާގެ އުފަން ގައުމުކަމުގައިވާ ޕާކިސްތާނުގައި މަލާލާ އާ މެދު ދެކޭގޮތް ވަނީ ތަފާތުވެފައެވެ.
މީގެއިތުރުން މިއަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގެ ވޯގް މެގަޒިންއަށް އޭނާ ދިން އިންޓަރވިއުއަކާ ގުޅިގެން ވެސް ގިނަ ބަޔެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އެގޮތުން ކައިވެންޏާމެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން މަލާލާ ވަނީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށް ސިފަވާ ގޮތަށް ޖަވާބުދީފައެވެ.
އެގޮތުން ކޮންމެހެން ކައިވެނިކުރަން ޖެހެނީ ކީއްވެކަމެއް ނުވިސްނޭކަމަށާއި، ތިމާގެ ދިރިއުޅުމަށް ބައިވެރިއެއް ބޭނުންވާނަމަ ކޮންމެހެން ކައިވެނީގެ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭތޯ މަލާލާ ވަނީ ސުވާލުކޮށްފައެވެ. ހަމައެކަނި ޕާޓްނާޝިޕަކަށް ނުދާންވީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ. އަދި ދުވަހަކު ވެސް މަލާލާ ކައިވެނިކުރާނެ ކަމާމެދު ޝައްކުކަމަށް ވޯގް މެގަޒިން އަށް ދިން އިންޓަރވިއުގައި ވަނީ ބުނެފައެވެ.
މި އިންޓަރވިއުއާއެކު ވެސް ޕާކިސްތާނުގެ ގިނަ ބަޔަކު ވަނީ މަލާލާއަށް ފާޑުކިޔާފައެވެ.