ކ. މާލެ
|
26 މެއި 2017 | ހުކުރު 04:06
ގުޅިފައިވާ ޕާޓީތަކުން ބޭއްވި މާހެފުމުގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ބޭއްވި މާހެފުމުގެ ތެރެއިން
ރާއްޖެއެމްވީ
ގުޅިފައިވާ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުން ތަފާތު މާހެފުމެއް ބާއްވައިފި
ވަރަށް ތަފާތު ބާވަތްތައް ވަނީ ތައްޔާރުކޮށްފައި
މާހެފުން ފަށްޓަވައިދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޖުމްލަ 4 ގުރޫޕެއްގެ މެދުގައި ވާދަވެރި ކަމާއެކު ބޭއްވި މާހެފުން އެއްވަނައަށް ދިޔައީ މާފަނާއި ވިލިމާލެ ގުރޫޕް

އިސްލާހީ މަސައްކަތުގައި ގުޅިފައިވާ ޕާޓީތަކުން ތަފާތު މާހެފުމެއް ބާއްވައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ އިސްސަފުގައި ހަރަކާތެރިވެވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި މާހެފުން ފަށްޓަވައިދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމެވެ.

ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ކުނޫޒްގައި ބުރާސްފަތި ދުވަހުގެ ރޭ 10 ޖެހިއިރު ބޭއްވި މި މާހެފުން އިންތިޒާމް ކުރި ފަރާތުން ބުނީ މި މާހެފުމަކީ އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވާ ހަތަރު ޕާޓީ ކަމުގައިވާ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ބޭފުޅުންނާއި އަދާލަތު ޕާޓީގެ މެންބަރުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް އެކުވެރި މާހައުލެއްގައި ޚިޔާލު ބަދަލުކޮށްލާ ހެދުން ކަމަށެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ސިފާ މުހައްމަދު ރާއްޖެ އެމްވީއަށް ވިދާޅުވީ މި މާހެފުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ހަރަކާތެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ގުޅުން އިތުރަށް އާލާކޮށް ވަރުގަދަ ކުރުމަށް ބޭއްވި މިހަރަކާތް ވަރަށް ބޮޑަށް ކާމިޔާބު ވެގެން ހިނގައްޖެ ކަމަށެވެ.

ވަރަށް ތަފާތު ގޮތަކަށް ބޭއްވި މިމާހެފުމުގައި ތައްޔާރުކޮށްފައިވާ ބާވަތްތައްވެސް ވަރަށް ތަފާތުކަން ފާހަގަ ކޮށްލެވެއެވެ. ހަތަރު ދާއިރާއަކަށް ބަހާލައިގެން ވާދަވެރި ގޮތަކަށް ކުރިއަށް ގެންދިޔަ މިމާހެފުމަށް ތަކެތި ތައްޔާރުކުރި ފަރާތްތަކުންވެސް ބުނީ މާހެފުމުގައި ބައިވެރިކުރި ތަކެތި ތައްޔާރު ކުރުމުގައި ވަރަށް ބޮޑަށް ދިވެހިވަންތަ ގޮތަކަށް އެކަން ކުރެވޭތޯ ބަލާފައިވާނޭ ކަމަށެވެ. އަދި މިފަދަ ކަމެއްގައި ބައިވެރިވެ ތަކެތި ތައްޔާރު ކުރެވުނީތީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

މި މާހެފުން ބާއްވާފައިވަނީ މާފަންނާއި ވިލިމާލެ އެއްގުރޫޕަކަށް ހުޅުމާލެއާއި ހެންވޭރު އަނެއް ގުރޫޕަކަށް އަދި ގަލޮޅާއި މައްޗަންގޯޅީ ވަކި ދެ ގުރޫޕެއްގެ ގޮތުގައި ޖުމްލަ ހަތަރު ގުރޫޕަކަށް ބަހާލައގެންނެވެ.

ވަނަދޭ އުސޫލުން ބޭއްވި މިމާހެފުމުގައި އެއްވަން ލިބުނީ މާފަންނާ ވިލިމާލެ ގުރޫޕަށެވެ. އަދި ދެވަނަ ހެންވޭރާ ހުޅުމާލެ ހިމެނޭ ގުރޫޕަށް ލިބިފައިވާއިރު ތިންވަނަ ދެގުރޫޕަކަށް ލިބުނެވެ. އެއީ ގަލޮޅާއި މައްޗަންގޯޅިއެވެ.

ރާއްޖޭގައި މިފަދަ ކާބޯތަކެތީގެ އިވެންޓްތައް ޖަޖްކުރާ ފުންނާބު އުސްޖަޖުންތަކެއް މެދުވެރިކޮށް މާކްސްދިން މިމާހެފުމުގައި ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ އިނާމްވެސް ދީފައެވެ. މިމާހެފުމުގައި ގުޅިފައިވާ ޕާޓީތަކުގެ ވަރަށްގިނަ ޢާއްމުން ވަނީ ބައިވެރިވެފައެވެ

 

- ކޮމެންޓް