ރައީސް ޔާމީންގެ ސަރުކާރުގައި ހިމެނޭ ކޯލިޝަނުން އެކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޖަގަހާގައި ބާއްވާ ޖަލްސާތަކަށް ދާ މީހުން މަދުވެގެން ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރ ޢަލީ އާރިފް ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފިއެވެ.
މިޖަލްސާތައް ބާއްވަމުން ދަނީ ކައުންސިލު އިންތިހާބަށް ފަހު ސަރުކާރު ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ އާރިފު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައިވަނީ އެމްޑީއޭގެ ޖަގަހާގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާ ކުރިއަށް ގެންދަނިކޮށެވެ.
ޖަލްސާ ކުރިއަށްދަނިކޮށް އަލީ އާރިފުވަނީ ޕީޕީއެމް ޕީޖީ ރަސްމީ ވައިބަރ ގުރޫޕުގައި އެޖަލްސާތަކަކީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން ކުރާ ކަންތައްތަކެއް ކަމަށް ނައިބް ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޖަލްސާތަކަށްދާ މީހުންނަށް ބެލުމުން ފެންނަނީ އެހެން މަންޒަރެއް ކަމަށް އަލީ އާރިފު ވިދާޅުވެފައިވެއެވެ.
އެ މެސެޖާއި ގުޅިގެން އަލީ އާރިފުވަނީ އެހެން ދަންނަވާލުމަކީ ކުށެއް ކަމަށްވާ ނަމަ މާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފައެވެ.
އަލީ އާރިފް މިހެން ހިތްހަމަ ނުޖެހުން ފާހަގަ ކުރެއްވިއިރު ބައެއް ޢާއްމުންވެސް ދަނީ އެޖަލްސާތަކަށް ގިނަ ބަޔަކު ނުދާކަމުގެ ވާހަކަ ދައްކަމުންނެވެ. އެގޮތުން ސަރުކާރުން ވަޒީފާ ދީފައިވާ ކޯޑިނޭޓަރުންނާއި ބައެއް ވަޒީރުންގެ އިތުރުން މާގިނަ ބަޔަކު އެތަނަނަށް ނުދާކަމަށް އާއްމުން ފާހަގަ ކުރެއެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނާއި ޢާއްމުން ފެންނަނީ އެތަނުން ވަރަށް މަދުންނެވެ.
ޖަލްސާތައް ފޯރިގަދަ ކުރުވުމުގެ ގޮތުން ސިޔާސީ މައިދާނުން ގެއްލިފައިވާ އެހެންނަމަވެސް ވާހަކަ ދެއްކުންތެރިން ނެރެ ޕޯޑިއަމަށް އަރުވަމުންދާކަން ފާހަގަ ކޮށްލެވެއެވެ.