ހުޅުމާލޭގައި ސިފައިންނަށް އަޅާ 300 ފްލެޓްގެ މަސައްކަތް ހަވާލުކުރި ފަރާތުން މަސައްކަތް ނުކުރެވޭނެކަމަށް އެންގުމުން އެއްބަސްވުން ބާތިލްކުރި އިރު ކުރެވިފައިވަނީ 33.3 މިލިއަން ރުފިޔާގެ މަސައްކަތްކަމަށާއި ނަމަވެސް އެމަސައްކަތަށް 125.9 މިލިއަން ރުފިޔާ ދައްކާފައިވާކަން ފަޅާއަރައިފިއެވެ.
މިކަން ފަޅާއެރީ އޮޑިޓަރ ޖެނެރަލް އާއްމު ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ.
އެމަސައްކަތް ހަވާލުކޮށްފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އެންސްޓަލްޓް އަށެވެ.
އެ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މި ފައިސާއަކީ 300 ފްލެޓް އެޅުމަށް ހަވާލުކުރި ކުންފުންޏަށް ފައިސާ ދައްކަންޖެހޭ ތާވަލަށް ދައްކާފައިވާ 115.3 މިލިއަން ރުފިޔާއާއި ސިފައިންގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުން ދައްކާފައިވާ 10.6 މިލިއަން ރުފިޔާ ކަމުގައެވެ. ނަމަވެސް ފައިސާ ދައްކަމުން ގޮސްފައިވަނީ ބަރާބަރަށް މަސައްކަތް ކުރިއަށްދޭތޯ ބެލުމެއް ނެތިކަމަށާއި އެހެންކަމުން ކޮށްފައިވާ މަސައްކަތަށްވުރެ އިތުރަށް މަސައްކަތް ކުރި ކުންފުންޏަށް 92.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
އެއޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކަން އެހެން ކޮށްފައިވާއިރު މަސައްކަތުގެ އަގު ތަކެތީގެ އަގާއެކު 100000 ރުފިޔާއިން ފެށިގެން 1500000 ރުފިޔާއާ ދެމެދުގެ މަސައްކަތެއް ކުރާނަމަ އެމަސައްކަތުން ނިމުނު ބައެއްގެ އަގު ހޯދުމަށް ބިލު ހުށަހެޅުމުން މަސައްކަތް ކުރަމުންދާގޮތް ބެލުމާ ހަވާލުކުރެވިފައިވާ އިންޖިނޭރު ނުވަތަ ކޮންސަލްޓަންޓް ނުވަތަ އެމަސައްކަތެއް ސުޕަވައިޒް ކުރުމާ ހަވާލުވެހުރި ފަރާތުން އެމަސައްކަތަކީ ކޮށް ނިމިފައިވާ މަސައްކަތެއް ކަމަށް ސޮއިކުރުމުން އެބިލެއްގެ ޖުމްލަ އަގުގެ ތެރެއިން އެޑްވާންސް ފައިސާއާއި ރިޓެންޝަންއަށް ނިސްބަތުން ޖެހޭ އަދަދު ކެނޑުމަށްފަހު އެބިލަކަށް ފައިސާ ފައިސާ ދެވިދާނެކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.24 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން އިތުރަށް ދައްކާފައިވާ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް އޮޑިޓްރިޕޯޓްގައިވަނީ ބުނެފައެވެ.