ހިޔާލުފާޅު ކުރުމުގެ ފުރުސަތުގެ ތެރެއިން، ފާޅު ކުރާ ހިޔާލެއްގެ ސަބަބުން ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން މީހުންނަށް އިންޒާރުދީ އަނިޔާކުރުމުގެ ސަގާފަތެއް އަށަގަނެފައިވާ އިރު އެކަމަށް އެއްވެސް ހައްލެއް ހޯދާ ދިނުމަށް މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.
ޔާމީނު ރަޝީދުގެ މަރަށް އިންސާފުހޯދާ ދިނުމަށްޓަކާއި އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު ތޮލާލް ވިދާޅުވީ، ޔާމީން ރަޝީދުގެ މަރަށް 30 ދުވަސް ވެފައިވާ އިރު އެ މަރުގެ މައްސަލައިގައި އެންމެ އެކަށީގެންވާ މިންވަރަށް ކުރިއެރުން ލިބިފައިވާކަން ނުވަތަ ނުވާކަންވެސް ފުލުހުން ހާމަކޮށްފައިނުވާ ކަމަށެވެ. އަދި މިކަން ކުރި ފަރާތްތައް ހަގީގަތުގައިވެސް ހައްޔަރުކުރެވިފައިވޭތޯ އާއި އެ މައްސަލައަށް އިންސާފު ލިބިގެންދާނެ ތޯ މިއީ މިއަދު ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ، ޔާމީން ރަޝީދު މަރާލާފައިވަނީ އެތަށް ފަހަރެއްގެ މަތިން އިންޒާރު ދިނުމަށްފަހުގައި ކަމަށާއި މިހާރުވެސް ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލަތައް ކަމަށް ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ، ޔާމީނު ރަޝީދަށް ހެޔޮހެދޭ ފަރާތްތަކާއި އައިލާއިން ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ އެންމެ ފުރަތަމަ ހިނގާލުމެއް ގޮތަށް ރޭވި ހަރަކާތެއް ކަމަށެވެ. އެހެން ނަމަވެސް ހަރަކާތް ފެށުމުގެ ކުރިން ފުލުހުން އައިސް ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. މިފަދަ ކަންކަން ހުއްޓުވުމުގެ ސަބަބުން ގާނޫނުން ރައްޔިތުންނަށް ލިބިފައިވާ ހިޔާލުފާޅު ކުރުމުގެ ފުރުސަތު ހަނިވާކަމަށާއި މިއި ވަރަށް ހިތާމަވެރި އަދި ކަންބޮޑުވާ މައްސަލަ އެއް ކަމަށް ތޮލާލް ވިދާޅުވި އެވެ.
"ރައްޔިތުންގެ އަސާސީ ހައްގުތައް އެކްސަސައިޒް ކުރުމަށް މިހާރު ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. ސުލްހަވެރި ގޮތުން ހިންގޭ އެއްވުމުގެ ހަރަކާތްތައް ގާނޫނު އަސާސީން މަނާކުރާ ކަމެއް ނޫން. އެޔާ ހިލާފަށް ގާނޫނު އަސާސީން ކޮންމެ މީހަކަށްވެސް ދައުލަތަށް ކުރިން އެންގުމަކާއި ނުލާ ސުލްހަވެރި ކަމާއި އެކު މުޒާހަރާ ކުރުމާއި އިހްތިޖާޖު ކުރުމުގެ ފުރުސަތު އެބައޮތްދީފަ." ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ، ޔާމީން ރަޝީދަކީ މިފަދަ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރި ފަރާތެއް ކަމަށާއި އަދި މިފަދަ ހަރާކާތްތައް ބޭވުމުގެ ބޭނުމަކީ އެފަދަ ހައްގުތަކަށް ގޮވާލާ ގޮވާލުންތައް ނުހުއްޓުވޭނެކަން ހާމަކުރުން ކަމަށެވެ.
ތޮލާލް ވަނީ ކުރިއަށް ވެސް މިފަދަ ހަރަކާތްތަކެއް ރޭވިފައިވާކަން ހާމަކޮށްފައެވެ. އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ޔާމީން ރަޝީދުގައި މަރާއި ގުޅިގެން ޚާއްސަ ދުވާއެއްވެސް ވަނީ ކޮށްފަ އެވެ.
ހަރަކާތް ރޭވުނީ ހިނގާލުމެއްގެ ގޮތުގައި ނަމަވެސް ފުލުހުން އެކަން ހުއްޓުވުމާއި ގުޅިގެން ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ތިބެ ހިންގާ ހަރާކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފަ އެވެ.