އޭ ލެވެލް އިމްތިހާނުގައި ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ އެވެ.
މަތީ ސާނަވީ އިމްތިހާނުން ދުނިޔޭގެ ގަދަ 10ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނުން މިއީ ރާއްޖޭގެ ރެކޯޑް އަދަދަކެވެ.
މިދިޔަ އަހަރު ބޭއްވި ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން އިމްތިހާނުން ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިފައިވާއިރު، މަތީ ސާނަވީ އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ނިސްބަތުން އެންމެ މޮޅު 10 ނަތީޖާ ހޯދާ ދަރިވަރުން މިއަހަރު ވެސް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
"އޭ ލެވެލް ޓޮޕް އެޗީވާރސް އެވޯޑް 2016" ދިނުމަށް އަންގާރަ ދުވަހު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ މިދިޔަ އަހަރު މަތީ ސާނަވީ ހެދި ކުދިންގެ ތެރެއިން ދުނިޔޭގެ ގަދަ 10ގައި ހިމެނު ރާއްޖޭގެ އަށް ދަރިވަރުންނަށް އެވޯޑް ދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ ދިވެހި ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް އެކިދާއިރާތަކުން ކިޔެވުމުގެ ފުރުސަތު މިސަރުކާރުން ހުޅުވައިދީފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރުމުގައި ގައުމަށް އެންމެބޮޑަށް ބޭނުން ޖެހިފައިވާ ދާއިރާތަކުން ތައުލީމް ހާސިލް ކުރުން މުހިއްމު ކަމަށެވެ.
އެޑިއެކޭޝަން މިނިސްޓްރީން ބުނީ މިދިޔަ އަހަރު 21 ސްކޫލަކުން ޖުމްލަ 189 ދަރިވަރަކު އެންމެ މަތީ 10 ވަނަ ހާސިލްކޮށްފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުގެ ސްކޫލްތަކުން 43 ދަރިވަރަކާއި މާލޭގައި ހުރި ސްކޫލްތަކުން 146 ދަރިވަރު ކަމަށެވެ. އަދި އެ ދަރިވަރުންގެ ތެރޭގައި ހިމެނެނީ 121 އަންހެން ދަރިވަރުންނާއި 69 ފިރިހެން ދަރިވަރުން ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.