Advertisement
ކ. މާލެ
|
23 މެއި 2017 | އަންގާރަ 09:58
އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އިބްރާހިމް އިސްމާއިލް
އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އިބްރާހިމް އިސްމާއިލް
ރާއްޖެ އެމްވީ
ސްޕްރީމް ކޯޓު
މިއީ ރައްޔިތުންގެ ބާރު ކަނޑުވާލައި، ގާނޫނު އަސާސީ އުވާލުން:އިބްރާ
ވަޒީރުން އަންޔަން ކުރުމާއި ވަޒީރުން ވަކިކުރުމަކީ ސިޔާސީ ކަމެއް
ކޯޓުން މި ވަންނަނީ ސިޔާސީ ކަންކަމުގެ ތެރެއަށް
ގާނޫނު އަސާސީ މާނަކުރަން ލަފައަކަށް އެދެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން

އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ނިންމުމެއްގެ ސައްހަކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް އެކޯޓުން ކުރި ހުކުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލާއި ގާނޫނު އަސާސީ އުވާލުމަށް ކުރި ހުކުމެއް ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ސްޕްރީމް ކޯޓުގެ މުޅި ބެންޗުގެ އިއްތިފާގުން ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކުރި ހުކުމާ ގުޅޭގޮތުން ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަ ދައްކަވަމުން، ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިމް ވިދާޅުވީ ވަޒީރުން އައްޔަން ކުރުމާއި ވަޒީރުން ވަކިކުރުމަކީ ސިޔާސީ ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ސްޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަކީ އެ ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަށް ހޮޅުވުނު ދޮރެއް ކަމަށެވެ. 

"މުޅި ޖުމްލަ ނަތީޖާ އަކީ މިއަދު އެ ނެރުއްވީ އަމުރަކީ ގާނޫނު އަސާސީ އުވާލުމަށް ނެރުނު އަމުރެއް ކަމަށް އަޅުގަނޑަށް ސިފައިވަނީ، ގާނޫނު އަސާސީ އަކީ ރައްޔިތުންގެ ބާރު ގާއިމްކޮށްދޭ އެތި، އެކަން ކޮށްދީފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް ބާރު ލިބިދީފައި މި ވަނީ ސަރުކާރާއި ހުރިހާ މުއައްސަސާއަކަށް ގާނޫނު ހަދާ، މީހުން ވަކިކުރުމުގެ ބާރު، އެއީ ރައްޔިތުންގެ ބާރު " އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ 95  ބަޔާންކޮށްފައި ވަނީ ސުޕްރީމް ކޯޓަށް ލަފައެއް ހޯދުމަށް އެދެވެނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. ދައުލަތުގެ ބަންޑާރު ނައިބަކަށް އެފަދަ ލަފައެއް ހޯދުމަށް ކޯޓުގައި ނޭދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ލަފައަކަށް މިފަހަރު އެދިގެން މިއުޅެނީ އެޓާނީ ޖެނެރަލް، އެޓާނީ ޖެނެރަލް އަކީ ވެސް މިއިން އަސަރުކުރާނެ މީހެއް، އޭނަ އަކީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގިދާނެ މީހެއް، އޭނަ އެއްވެސް ޖަވާބު ދޭނެ ފަރާތެއް ނެތި، ސުޕްރީމް ކޯޓުގައި މި އަހަނީ ތިމަންނަ ވަކިކުރެވިދާނެ ހޭ، ދެން ސުޕްރީމް ކޯޓުން މި ނެރުއްވަނީ ރޫލިންއެއް މިކަން ދެން އޮންނާނީ މިހެންނޭ" އިބްރާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަކޮށް އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދޭން އެދި އެޓާނީ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހުގައެވެ.

ސްޕްރީމް ކޯޓުން މި މައްސަލައިގައި ކުރި ހުކުމަށް ބަލާއިރު، ޖުމްލަ ކޮށް އަމުރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް