Advertisement
ކ. މާލެ
|
23 މެއި 2017 | އަންގާރަ 04:30
މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު
މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު
މުހައްމަދު ޝަރުހާން
ފަލަސުރުހީ
ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް: އަމީތު
އަމީތު ވަނީ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި
ކައުންސިލް އިންތިހާބުގައި ސަރުކާރު ބަލިވިކަން ގަބޫލުކުރަންޖެހޭ
ވޯޓަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން

ސުޕަމެޖޯރިޓީ އޮވެގެން ޕީޕީއެމްއަށް ހާސިލުކުރެވުނު ކަމެއް ނެތް ކަމަށް މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އަމީތު ވިދާޅުވީ، ސުޕަމެޖޯރިޓީ ލިބިގެން ރައްޔިތުންގެ ރުހުމެއް ސަރުކާރަކަށް ނުލިބުނު ކަމަށާއި މެޖޯރިޓީ ލިބުނަސް ހުރިހާ ކަމެއް ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ. އަމީތު ވިދާޅުވީ، މެޖޯރިޓީ ބޭނުން ކުރަން ޖެހޭނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރުމަށް ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތެއް މަޖިލީހުގެ ތެރެއިން ސަރުކާރަށް ނުކުރެވުނު ކަމަށެވެ.

 

އަމީތު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިން އެނގިގެންދިޔައީ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ރައްޔިތުން ބޭނުންވާ ކަން ކަމަށާއި ޝެއިހު އިމްރާނު އަބްދުﷲ ވެސް ޖަލުން ދޫކޮށްލަން ބޭނުންވާކަން ކަމަށެވެ. އަދި ސަރުކާރުން މި ނިންމާ ނިންމުންތަކަށް ރައްޔިތުން ތާއީދު ނުކުރާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

 

ކައުންސިލް އިންތިހާބުގައި ސަރުކާރުން ވަރަށް ރީތިކޮށް ބަލިވިފައިވާ ކަމަށާއި އެހެން ނަމަވެސް ފެނިގެންދަނީ ބަލިވިކަން ގަބޫލު ނުކޮށް އިތުރު އުޒުރުތަކެއް ދައްކަން އުޅޭ މަންޒަރު ކަމަށް އަމީތު ވިދާޅުވި އެވެ. ބަލި ގަބޫލު ކުރުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއްކަމަށްވާ އިރު އެކަން ކުރާ މަންޒަރުވެސް ނުފެންނަ ކަން އަމީތު ފާހަގަކުރެއްވި އެވެ.

 

އަމީތު ވިދާޅުވީ، މި ސަރުކާރަކީ 12 ގަޑިއިރުގެ ތެރޭގައި 12000 މީހުންގެ ސޮއި ހޯދި ސަރުކާރު ކަމުގައި ވީ ނަމަވެސް ރައްޔިތުންގެ ވޯޓެއް ސަރުކާރަށް ނުލިބުނު ކަމަށެވެ. އެކަމުންވެސް އެނގެނީ ސަރުކާރަށް ރައްޔިތުންގެ ލޯބި ނުލިބޭކަން ކަމަށާއި ރައްޔިތުންގެ ރުހުމާއި ލޯތްބަކީ ގަދަބާރުން ލިބޭނެ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

 

"އެބޭފުޅުން ނިކުމެވަޑާއިގެން ތިމަންނަމެން ގިޔާމަތާއި ހަމައަށް ދާންދެން ވެރިކަން ކުރާނަމޭ ވިދާޅުވި ބޭފުޅުން ތިއްބެއްވި ކޯލިޝަނެއްގެ ވާހަކަ މިދައްކަނީ. މިރާއްޖޭގައި 30 އަހަރު ދުވަހުގެ ތެރޭގައި ނާންނަހާ ތަރައްގީ ތިން އަހަރު ދުވަހުގެ ތެރޭގައި ގެނެސްފީމޭ ބުނި ސަރުކާރެއްގެ ވާހަކަ މިދައްކަނީ. މިހާ ވަރުގަދަ ސަރުކާރެއް ބަލިވިދޔަ ވާހަކަ މިދައްކަނީ. މިކަން ބަލާ ހޯދަންޖެހޭ." އަމީތު ވިދާޅުވި އެވެ.

 

އަމީތު ވިދާޅުވީ ރައްޔިތުންގެ ލޯބި ހޯދޭނީ، ރައްޔިތުންގެ ކާއިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އެހެން ނަމަވެސް މިއަދު ވެރިކަމުގައި ހުންނެވި ވެރިޔާގެ ފަރާތުން އެ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"މިހާތަނަށް އައިއިރުގަ އަޅުގަނޑަކަށް ނުފެނޭ ވަކި ކައުންސިލަކުން ދެކޮޅު ހަދައިގެން ސަރުކާރަކަށް ތަރައްގީގެ މަޝްރޫއެއް ހުއްޓުވިފައޮތްތަނެތް. އެހެންވީމަ މިގޮތަށް ކައުންސިލްތަކާއި ޖެހިގަނެގެން، ކައުންސިލްތަކަށް އިންޒާރުދީގެން ކައުންސިލްތަކަށް ބިރުދައިގެން، ތަރައްގީގެ މަޝްރޫއުތަކެއް ހިންގާކަން ނުޖެހޭ." އަމީތު ވިދާޅުވި އެވެ.

 

އަމީތު ވިދާޅުވީ، ވޯޓަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫން ކަމަށާއި ވޯޓަކީ މީހުންގެ ހިތުން ގަބޫލުކުރާ ގޮތް އެނގިގެންދާނެ އެއްޗެއް ކަމަށެވެ.

 

"ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ކައިރިއަށް ވަޑައެއް ނުގެންނެވޭ. މެޑަމް ރައްޔިތުން ގާދަށް ވަޑައިގެންފަ އެމަންޒަރު ޓީވީ ބައްލަވަން ރައީސް އިންނެވުމަކީ، ވޯޓު ލިބޭނެ ގޮތެއް ނޫން. ވޯޓުލިބޭނީ ގާތަށް ގޮސް، ދޮރުން ދޮރަށް ހިނގައިގެން، ރައްޔިތުން ގާތަށް ގޮސްގެން، ރައްޔިތުންގެ ހާލު އަހުވާލު ވެރިމީހާ ބައްލަވައިގެން." އަމީތު ވިދާޅުވި އެވެ.

 

ޕީޕީއެމްގެ ހާލަތަކީ މިއަދު އެޕާޓީގެ ވެރިމީހާކަމަށް ދައުވާ ކުރެވޭނެ އެކައުވެސް އެޕާޓީގައި ނެތުން ކަމަށާއި ޕީޕީއެމްގެ ކޮންގްރެސް އިން މަގާމު ހަވާލު ކުރެވުނު ގިނަ މީހުން މިއަދު ވަނީ ބޭރު ކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕާޓީގެ ތެރޭގައި ކަންކަން ވެގެންދަނީ އެއްވެސް އިންސާފުވެރި އުސޫލަކުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް