އެއްވެސް ފަރާތަކުން ޤާނޫން އަސާސީއާ ޚިލާފަށް ނިންމާ ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯމަ ދުވަހުރޭ އިރާކޮޅު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ "އެއްވެސް ފަރާތަކުން ޤާނޫން އަސާސީއާ ޚިލާފަށް ނިންމާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށާއި އެފަދަ ނިންމުމަކަށް ޢަމަލެއް ނުކުރެވޭނެ" ކަމަށެވެ.
Evves faraathakun QA aa khilaafah nimmaa nimmumakee baathilu nimmumeh. Efadha nimmumakah amaleh nukureveyne.
— Maumoon Abdul Gayoom (@maumoonagayoom) May 22, 2017
ރާއްޖޭން ބޭރުގައި ހުންނަވާ، ރައީސް މައުމޫން މިމޭރުމުން ޓވީޓް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން ވަޒީރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދޭން އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.
ދައުލަތުން އެ މައްސަލަ ހުށަހެޅީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭގޮތުން އޮންނަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަކޮށް، އެގޮތަށް ނިންމައި ދިނުން އެދި އެވެ.