އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަދެއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އޭސީސީން އެމްއެމްއޭ އަށް ވަދެފައިވާ ކަމާއިމެދު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށެވެ. އަދި ތަންފީޒީ އިންދާރާތަކުން ހިންގާ ކަންކަމުގައި މައުލޫތުދެއްވާނީ އެއިދާރާއަކުންކަމަށެވެ.
އެހެން ނަމަވެސް މިކަން އެމްއެމްއޭގެ މީޑިޔާ އޮފިޝަލް ދޮގު ކުރައްވާފައެއް ނުވެއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ، އޭސީސީން އެމްއެމްއޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ގިނަ މުއައްސަސާތަކަށް ހޯމަދުވަހުގެ މެންދުރުގެ ވަގުތެއްގައި ވަދެފައިވާނެ ކަމަށެވެ. މި ގޮތަށް ވަދެފައިވަނީ އޭސީސީން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭސީސީން ހުށަހަޅޭ މައްސަލަތަކުގައި އެކި އިދާރާތަކަށް ވަންނަމުންދާ ކަމަށާއި އޭގެ ތަފްސީލުތައް ހާމަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުބާރު ހިފޭ ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތުދިން ގޮތުގައި އޭސީސީން އެމްއެމްއޭއަށް ވަދެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަނުގެ މައްސަލަ އަކާއި ގުޅިގެންނެވެ.
އެހެން ނަމަވެސް އޭސީސީން އެމްއެމްއޭ އަށް ވަދެފައިވަނީ ކޮން މައްސަލައަކާއި ގުޅޭ ގޮތުން ކަމެއް ހާމަކޮށްފަ އެއް ނުވެ އެވެ.
އެމްއެމްޕީއާރްސީ ކޮރަޕްޝަނުގެ މައްސަލައާއި ގުޅިގެން އޭސީސީން އެމްއެމްއޭއަށް ވަދެފައިވާ އިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ އެތައް ބިލިއަން ރުފިޔާ އަކަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް އޭޕްރީލް މަހުގެ ފަހުކޮޅު އޭސީސީން ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުގެ ކުރިން ކުރިއަށް ގެންދާ މަޝްވަރާތައް ޕީޖީ އޮފީހުގެ ވަކީލުންނާއެކު ކުރަމުންދާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް އެ ރިޕޯޓް ނެރޭނެ ވަކި ތާރީހެއް އޭސީސީން ހާމަކޮށްފަ އެއް ނުވެ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓްރިޕޯޓުން ހާމަވި އެވެ.
އޭސިސީން އެމްއެމްއޭ އަށް ހޯމަ ދުވަހުގެ ވަގުތެއްގައި ވަދެފައިވާ އިރު އެމްއެމްއޭގެ ގަވަނަރ އަޒީމާ އާދަމް ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ