ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށްސީރިއަސް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ އެބަލިތަކަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައިދެއްވުން އެދި އާއިލާއިން ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިފިއެވެ.
އަހުމަދު އަދީބުގެ ޢާއިލާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން މިއަދާ ހަމައަށް ވޭތުވެދިޔަ މުއްދަތުގައި ބޮޑެތި ސިއްޙީ މައްސަލަތަކެއް ވަނީ ކުރިމަތިވެފައި ކަމަށެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި އަހުމަދު އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ކަށަވަރުވެފައިވާ ކަމަށެވެ.
ޢާއިލާއިން ބުނީ ބޮޑެތި ބަލިތަކާ ގުޅިގެން ޢާއިލާގެ ހަވާލުގައި ބޭސްފަރުވާއަށް ދިއުމުގެ ފުރުސަތަކީ ބަންދުގައި ތިބޭ އެންމެހާ ފަރާތްތަކަށް ދެވޭ ފުރުސަތެއް ކަމަށާއި އެހެންކަމުން ޢާއިލާގެ ފަރާތުން މިހާރު ވާނީ ބޭސްފަރުވާއަށް އަހުމަދު އަދީބް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އެދިފައި ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އެމަޤާމުގައި ހުންނަވަނިކޮށް ހައްޔަރުކޮށް ތަހުގީގް މަރުހަލާގައިވެސް ކުރިމަތިވި ސިއްހީ މައްސަލަތަކުގައި ފުރަތަމަ މާލެވެސް ގެންނަވާފައެއް ނުވެއެވެ. އެގޮތުން އެމަނިކުފާނު އޮންނެވި ދޫނިދޫއަށް ވަނީ ބައެއް މެޝިނަރީޒް ގެންގޮސްގެން ފަރުވާ ދީފައެވެ. ނަމަވެސް ދާދިފަހުންވެސް ވަނީ ބޭސްފަރުވާއަކަށް އަދީބު މާލެ ގެންނަވާފައެވެ.