ރަހުމް ކުޑަ ހަމަލާތަކެއްދީ މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގާ ފުލުހުން ކުރަމުންދާ މަސައްކަތާމެދު އިތުބާރުކުރަން ދަތިކަމަށް ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު ބުނެފިއެވެ.
ޔާމީން ރަޝީދުގެ ބައްޕަ ހުސައިން ރަޝީދު މިހެން ބުނީ ޔާމިންގެ މަރާގުޅޭ މައުލޫމާތާއި ދިވެހި ފުލުހުންގެ ތަހުގީގް ދާ ގޮތާ ގުޅޭގޮތުން އިންޑިޔާގެ ނިއުދިއްލީގައި އިންސާނީ ޙައްޤުތަކަށާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކާއި ނޫސްވެރިންނާ ބައްދަލު ކުރުމަށްފަހު އާއިލާއިން ނެރުނު ބަޔާނެއްގައެވެ. މި އެއާއިލާއިން ބުނިގޮތުގައި އެ ބައްދަލުވުންތައް އޮތީ މި މަހުގެ 18 ން 20 އަށް ނިއުދިއްލީގައެވެ.
އާއިލާއިން ބުނީ އިންޑިޔާގެ ނިއުދިއްލީގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ބައްދަލުކޮށް ޔާމީންގެ މަރާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާނޭ ކަމަށެވެ. އަދި މިހާތަނަށް ދައުލަތުގެ ފަރާތުން އެކަމާ ގުޅިގެން ޢަމަލުކުރަމުން އަންނަ ގޮތުގެ މައުލޫމާތުވެސް ސާފުކޮށްދީފައިވާނެ ކަމަށް އާއިލާއިން ބުންޏެވެ.
އެގޮތުން އެތައް އަހަރު ތަކެއްވަންދެން ކެނޑިނޭޅި ޔާމީނަށް އިންޒާރު ދެމުން އައިކަމަށާއި، ފުލުހުންނާއި މުވައްސަސާތަކަށް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާކަމަށެވެ. އަދި އެގޮތަށް ކަންކަން ހިނގާފައިވުމުން މިހާރުވެސް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުބާރު ކުރަން ދަތިކަމުގައި ދަންނަވާފައިވާކަމަށް އެއާއިލާގެ ފަރާތުން ބައްޕަ ހުސައިން ރަޝީދު ބުންޏެވެ.
އެހެންކަމުން މިހާރު ދިވެހި ފުލުހުން ކުރިއަށް ގެންދަވާ އިންވެސްޓިގޭޝަންތަކުގައި އިންޑިޔާއިންވެސް އެހީތެރިކަން ފޯރުކޮށްދީ ބައިވެރިވުމަށް އެދިފައިވާނޭ ކަމަށްވެސް އެއާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.
ޔާމީންގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު މަރާލިތާ އެއް މަސް ފާއިތުވެގެންދާއިރު، އެކަން ކުރީ ކޮން ބައެއްކަމާއި އެއީ ކީއްވެކަމާ މެދު ފުލުހުން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާތީ އާއިލާއިން ކަންބޮޑުވާ ކަމަށެވެ.
މާލެ ފަދަ ކުޑަކުޑަ ތަނެއްގައި މިހާ ހާމަކަންބޮޑުކޮށް އޭނާ މަރާލައި، އެކަމަށް އެއް މަސް ފުރޭ އިރުވެސް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން ޢާއިލާގެ ސުވާލުތަކަށް އެދެވޭ ޖަވާބު ދިނުމަށް އާދޭހާއެކު އެދޭކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި މިކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވި ބަޔަކާއި، އެކަން ރާވައި ޚަރަދު ކުރި ބަޔަކު ދައުލަތަށް ހޯދެންޖެހޭނެ ކަމުގައި ދެކޭކަމަށްވެސް އެއާއިލާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މި ހިތްދަތި އަދި ހިތާމައިން ފުރިގެންވާ ވަގުތުގައި ހެޔޮ އެދޭ ފަރާތްތަކުން އާއިލާއަށް ދެމުން އަންނަ އޯގާތެރިކަމަށް ހިތުގެ އެންމެ ފުން މިނުން ޝުކުރުއަދާކުރާ ކަމަށްވެސް ބުނެފައިވެއެވެ.