ޗުއްޓީއަށް ގޮސް، ހުއްޓާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޖޫން 5 ވަނަ ދުވަހު އަލުން ފެށުމަށް ނިންމައިފިއެވެ.
ޖަލްސާތައް ފެށުމަށް ނިންމާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން، އެ މަޖިލީހުގެ މެންބަރުންނަށް މިހާރު އަންގާފައި ވީނަމަވެސް، ޖޫން 5 ވަނަ ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު، ޖަލްސާތައް އަލުން ފަށަން ނިންމާފައި މިވަނީ މެންބަރުން ދޮޅު މަސްދުވަހުގެ ޗުއްޓީއެއް ނެންގެވުމަށްފަހުއެވެ.
ފުރަތަމަ ދައުރުގައި މަޖިލީހުގެ ތެރެއިން މާގިނަ މަސައްކަތްތަކެއް ކުރެވިފައި ނުވާއިރު، އެ ދައުރުގައި މަޖިލީހުގެ ޖަލްސާތައް ވެސް ބައްވާފައި ވަނީ ވަރަށް މަދުންނެވެ. އެގޮތުން ދައުރެއްގައި އެވަރެޖްކޮށް 36 ޖަލްސާ ބާއްވާއިރު، ރައްޔިތުގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ބާއްވާފައި ވަނީ އެންމެ 14 ޖަލްސާއެވެ.
ފުރަތަމަ ދައުރުގައި މަޖިލީހުގެ ތެރެއިން ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައި އެ މައްސަލައިގައި ވަނީ ވޯޓު ވެސް ނަގާފައެވެ. ޤާނޫނީ ސައްޙަކަމާ މެދު ސުވާލު އުފެދޭ ގޮތަށް ނެގި މި ވޯޓުގައި މަސީހުއަށް އިތުބާރު އޮތް ކަމަށް ވަނީ ފާސްކޮށްފައެވެ.
މި ވޯޓަށް ފަހު ދެން ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް ނިންމާފައެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ފުރިހަމަ ބާރު ރައީސަށް ލިބޭ ގޮތަށްވެސް މަޖިލީހުގެ ފުރަތަމަ ދައުރުގައި ވަނީ ޤާނޫނަށް އިސްލާހު ގެނެސްފައެވެ.
މި އަހަރަށް މަޖިލީހުގެ ދެވަނަ ދައުރު ފަށާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ވެއްދުމަށް ތައްޔާރުވަމުންނެވެ. އަދި މަޖިލީހުގައި ސަރުކާރު ހިންގާ ކޯލިޝަނަށް މެޖޯރިޓީ އޮތް ކަމަށް ފެނުނު ނަމަވެސް، ކައުންސިލް އިންތިޚާބު ސަރުކާރަށް ނާކާމިޔާބުވެ، މަޖިލީހުގެ މެޖޯރިޓީ އެނބުރިދާނެ ފަދަ އިޝާރާތްތަކެއް ބައެއް މެންބަރުންގެ ފަރާތުން ވަނީ ފެންނަން ފަށާފައެވެ.