ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ށ އަތޮޅުގެ 4 ރަށަކަށާއި ރ އަތޮޅުގެ 5 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ބުރާސްފަތި ދުވަހުގެ ރޭ މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ށ. އަތޮޅު ކައުންސިލާއި، ރ. އަތޮޅު ކައުންސިލް މެންބަރުންނާއިވެސް ބައްދަލުކުރައްވައި އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާއި އަތޮޅުގެ ރަށްރަށަށް ކުރިމަތިވެފައިވާ ދަތިތަކާއި އަތޮޅުގެ އެކި ރަށްރަށަށް ބޭނުންވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރ. މަޑުއްވަރީގެ މަލްޓި-ޕާޕަސް ހޯލްވެސް ހުޅުއްވައިދެއްވާފައެވެ.
މި ދެ އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ, ޒިޔާރަތް ކުރެއްވި ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މި ރަށްރަށުގެ ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި, އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ގޮތްތައް އެބޭފުޅުންނަށް ވިދާޅުވެދެއްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ށ. ފޯކައިދޫ އާއި ރ. އަލިފުށި ސްކޫލުގެ ބައެއް ކްލާސްތަކަށް ޒިޔާރަތްކުރައްވައި، ދަރިވަރުންނާއި ބައްދަލުކޮށްލައްވާފައެވެ. އަދި އެކަމަނާ ވަނީ ރ އަތޮޅު ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލްތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްލައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރ. ރަސްގެތީމުގެ އާސާރީ ޒިޔާރަތް ބައްލަވާލައްވާފައެވެ. ހަމަ އެއާއެކު ރ. އަނގޮޅިތީމުން ފެނިފައިވާ އާސާރީ ތަކެތިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި އަރިހުގައި ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.