ކ. މާލެ
|
20 މެއި 2017 | ހޮނިހިރު 13:39
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތެރެއިން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތެރެއިން
ރާއްޖެ އެމްވީ
އިންތިހާބުގެ ދެވަނަ ބުރު
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
ދެވަނަ ބުރުގެ ވޯޓްލުން މިއަދު 08:00 އިން ފެށިގެން 16:00 އަށް
ފޯޓް ފޮށި ބަހައްޓާފައިހުރީ އިންތިހާބީ މައިމަރުކަޒު (ބައު ޖަމާލުއްދީން ސްކޫލް) ގައި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރުމަށް ކޮމިޝަނުން ވަނީ ނިންމާފަ

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެ ވަނަ ބުރު ހޮނިހިރު ދުވަހު ކުރިއަށް އެބަދެއެވެ.

އެ ދެކައުންސިލްގެ ތެރެއިން ކޮމަންޑޫ ކައުންސިލްގެ ދެ ވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު ދެ ކެންޑިޑޭޓުނަށް ލިބުނު ވޯޓް އެއްވަރު ވުމާ ގުޅިގެންނެވެ.

މަޑިފުށި ކައުންސިލްގެ ދެ ވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ތ. މަޑިފުށީގެ ވޯޓް ފޮއްޓަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހަކަށް ވޯޓް ނުލެވި، އެ ވޯޓް ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިފައިނުވާ މީހަކަށް ވޯޓްލެވިފައިވާތީ، އެއީ އިހުމާލެއް ކަމަށް ފެންނާތީ އާއި އެންމެ ވޯޓަކުން ވެސް އެ ވޯޓް ފޮށީގެ ނަތީޖާއަށް އަސަރުކުރާނެ ކަމަށް ފެންނާތީ އެވެ.

ކޮމަންޑޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު، އިންތިހާބުގައި ވާދަ ކުރި ހަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމުން ވާދަކުރި މުހައްމަދު ޝުޖުއާން އަށެވެ. މުހައްމަދު ޝުޖުއާން އަށް 568 ވޯޓް ލިބުނު އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު އެމްޑިޕީގެ ކެނޑިޑޭޓް މުހައްމަދު މުފީދަށް ލިބުނީ 556 ވޯޓެވެ. ދާއިމީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ޝުޖުއާން އާއި މުހައްމަދު މުފީދަށް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ. ތިން ވަނަ ކައުންސިލަރު ކަށަވަރުވަނީ ނަތީޖާ އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިހާބަށް ފަހު އެވެ. އެގޮތުން ކޮމަންޑޫ ކައުންސިލްގެ ދެ ވަނަ ބުރުގައި ވާދަ ކުރަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓުން ކަމަށްވާ އަހުމަދު ރިފްއަތު އާއި މުހައްމަދު އާރިފް އަހުމަދު އެވެ.

މަޑިފުށި ކައުންސިލްގެ ދެ ވަނަ ބުރުގައި ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަބްދުﷲ އާއި ޕީޕީއެމްގެ ތިން ކެންޑިޑޭޓުން ކަމަށްވާ އިސްމާއީލް ހިލްމީ އާއި އައްބާސް އަހުމަދު އާއި އަލީ ހަސީން އެވެ.

ހޮނިހިރު ދުވަހު އެ ދެ ކައުންސިލްގެ އިންތިހާބު ކުރިއަށްދާއިރު، އެހެނިހެން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސީޓީ ކައުންސިލްތަކުގެ ދާއިމީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ރާއްޖެއެމްވީއަށް ވިދާޅުވީ ކޮމަންޑޫ އާއި މަޑިފުށި ކައުންސިލްގެ ދެ ވަނަ ބުރުގެ ވޯޓްލުން ހޮނިހިރު ދުވަހުގެ 08:00 އިން ފެށިގެން 16:00 އަށް ދާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ ކޮމަންޑޫ އާއި މަޑިފުއްޓަށް ނިސްބަތްވާ އަދި ވޯޓްލުމަށް މާލޭގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ވޯޓްލުމަށް މާލޭގައި ބަހައްޓާ ވޯޓް ހުންނާނީ އިންތިހާބީ މައިމަރުކަޒު (ބާ ޖަމާލުއްދީން ސްކޫލް)ގައި ކަމަށެވެ. އަދި އެ ދެ ރަށުގެ ރައްޔިތުން ވޯޓްލުމަށް ބަހައްޓާފައި ވަނީ އެއްފޮށި ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި 116 މައްސަަލައެއް އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުނު ކަމަށެވެ. އަދި އެހުރިހާ މައްސަލަތަކެއް ބަލައި ނިންމައި ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބުދީ ނިމިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އެއްމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

- ކޮމެންޓް