އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ނަގޫރޯޅީއާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލްތަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ބުރާސްފަތު ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހު މެންދުރުފަހާ ހަމައަށް ކުރެވުނު މަސައްކަތުން ތިން ގެއެއްގެ ފުރާޅު ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގެއްލުން ލިބުނު ގެތަކުގެ އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އެ ގެތަކަށް ވަދެވި އާންމު ހާލަތަށް ދިރިއުޅުން ގެނައުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގެއްލުން ލިބުނު ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލާއި، އެމްއާރުސޑީސީ، އެމްޕީއެލް އަދި ސިފައިންނާއި ފުލުހުންގެ އިތުރުން އެހެން ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކަމަށެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ ނަގޫރޯޅީގައި ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ރިޕޯޓް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ގެތައް މަރާމާތުކޮށް ނިމުމުން އަލުން އެސެސްމެންޓް ރިވިއު ކުރުމަށް ފަހު ހަމަޖެހުފައިވާ އސޫލްތަކުގެ މަތިން ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުން އެހީދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތައް ބަލައި، ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ ހާއްސަ ޓާސްކްފޯހެއް އުފައްދަވާފައިވާ ކަމަށެވެ. އަދި އެ ޓާސްކް ފޯހުން ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލަމުންދާ ކަަމށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގެއްލުން ލިބުނު ގެތައް މަރާމާތު ކުރުމަށް ފަހު އާއިލާތައް އާންމު ދިރިއުޅުމަށް އާދެވުނުހާ އަވަހަކަށް ގެއްލުން ލިބުނު އާއުލާތަކަށް އެހީދިނުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ އަށް ބުދަ ދުވަހު އެރި ނަގޫރޯޅީގައި 19 ގެއަކަށް ގެއްލުން ލިބިފައި ވެއެވެ.
ފުރާޅު އެއްލާލި ގެތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ވެސް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ. އެގޮތުން ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުންގެ އާއިލާގެ ގެތަކުގައި އާއި ގާތް ރައްޓެހިންގެ ގެތަކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ސްކޫލް ކުދިންގެ ތަކެތި ވިއްކާ އައިލެންޑް ބުކްސޮޕާއި ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އައިލެންޑް ބުކްސޮޕްގެ ފުރާޅު ވެސް ނަގޫރޯޅީގައި އެއްލާލާފައި ވަތީ އެފިހާރާގައި ހުރި މުދާ ވަނީ ހަލާކުވެފަ އެވެ.
ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް ރާއްޖެ ޓީވީން ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ.