ރާއްޖެއިން މީހުން އުމުރާއަށް ގެންދިއުމަށް ގުރޫޕްތަކަށް ހުއްދަ ދިނުމުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ ބޭފުޅެއްގެ ނުފޫޒް ފޯރުވާކަން ދޭހަވާފަދަ އޯޑިއޯއެއް ލީކުވެއްޖެއެވެ.
ރާއްޖެ ޓީވީއަށްވެސް ލިބިފައިވާ އެއޯޑިއޯގައި އެބޭފުޅާ ވިދާޅުވާ ގޮތުގައި އެބޭފުޅާ ބޭނުން ބަޔަކަށް އުމުރާއަށް މީހުން ގެންދާ ގުރޫޕްތައް ހަދައިދޭ ކަމަށާއި މިހާރުވެސް ހިޔަލީ ކިޔާ މީހަކަށް ހަތަރު ގުރޫޕް ހަދައިދީފައިވާނޭ ކަމަށް ވިދާޅުވެއެވެ. އަދި އެގުރޫޕްތައް ހަދައިދީފައިވާނީ އެބޭފުޅާ ކަމަށްވެސް އެއޯޑިއޯގައި ވިދާޅުވެއެވެ.
އެއޯޑިއޯގައި އެބޭފުޅާ ވިދާޅުވާ ގޮތުގައި އިތުރު މީހަކަށްވެސް މިހާރު ގުރޫޕެއް އެބަ ހައްދަވައިދެއްވާ ކަމަށާއި މިހާރު އެގުރޫޕް ހަދައިދެނީ އެބޭފުޅާ ކަމަށް ވިދާޅުވެއެވެ.
އަދި މިފަހަރުގެ ގުރޫޕްތައް ހެދުމަށްވެސް ކުއްލިއަކަށް (ޓަސް ކިޔާފައި) އިއުލާން ކުރެއްވީ ކަމަށާއި އެބޭފުޅާ ބޭނުންވެއްޖެނަމަ ގްރޫޕްތައް ހެދޭނެ ކަމަށް އެއޯޑިއޯގައި ވިދާޅުވެއެވެ.
އުމުރާ ގުރޫޕެއް ގެންގުޅޭ މީހެއްކަމަށް ބެލެވޭ މީހަކު އޭނާގެ ގުރޫޕްވެސް މިފަހަރު ހިމެނޭނެތޯ ބުނުމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ ބޭފުޅާ ވިދާޅުވަނީ އަދި ހުރިހާ ގުރޫޕްތަކެއްގެ ހުއްދަ ބާތިލް ކުރައްވާނެ ކަމަށެވެ. އަދި އެންމެންގެ ހުއްދަ ބާތިލް ކުރައްވުމުން ދެން ކުރިމަތި ލެވޭނީ 5 ލައްކަ ރުފިޔާގެ ބިޑް ގެރެންޓީއެއް ބަހައްޓައިގެން ޕްރޮޕޯސަލްވެސް ގަނެގެން ކަމަށް އޮފިޝަލް ކަމަށް ބެލެވޭ މީހާ ވިދާޅުވެއެވެ.
އެބޭފުޅާ ވިދާޅުވާ ގޮތުގައި މިހާރު ހުއްދަތައް ހުޅުވާލާފައިވަނީ ހަނދުބަލާމަހާހަމައަށް ގުރޫޕްތަކަށް ހުއްދަދޭން ވެގެން ކަމަށެވެ. އަދި ހުއްދަ ދިނުމަށްފަހު އެބޭފުޅާ ބޭނުން ގޮތަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވެއެވެ.
އޭނާ ވިދާޅުވަނީ މިހާރު އޭނީ އިއުލާން ޖަހާލާފައި ކަމަށާއި އަދި ކުރިން އޮންނަ އުސޫލާ އެއްގޮތައް ވަގުތީގޮތުން އެވަނީ ހުއްދަ ހުޅުވާލާފައި ކަމަށެވެ.