ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކުރާ ކެމްޕެއިނެއް އުރީދޫއިން ފަށައިފިއެވެ.
އުރީދޫ އިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއާއި, މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންއާއި, ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އޯރކާ މީޑިއާ ގްރޫޕް ގުޅިގެން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިންގ ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ. މި ކެމްޕެއިންގެ ބައެއްގެ ގޮތުން އުރީދޫ މޯލްޑިވްސްއާއި އޯރކާ މީޑިއާ ގްރޫޕުން ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ރިވެތި ސަޤާފަތާއި ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިއްސާކުރެވޭނެ ކަމަށެވެ.
އެގޮތުން މި ކެމްޕެއިން ކުރިއަށްދާނީ 5 މަސްދުވަހަށެވެ. އެއީ ޑިސެމްބަރ މަހާ ހަމައަށެވެ. ކޮންމެ މަހަކުވެސް ވަކި ތީމްއަކާއި ޚާއްސަ އިނާމުތަކެއް ކަނޑައަޅާނެއެވެ. ކޮންމެ ފޮޓޯއަކާއި ވީޑިއޯއެއްވެސް ގުނާނީ ވަކި ވަކިންނެވެ. އެހެންކަމުން ގިނަ ފޮޓޯ އަދި ވީޑިއޯ ފޮނުވާ ފަރާތަކަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.
މި ކެމްޕެއިންގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މި ކެންޕެއިންގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ފޮޓޯއާއި ވީޑިއޯ ހިއްސާކޮށްގެން ބައިވެރިވެވޭނެއެވެ. ފޮޓޯއާއި ވީޑިއޯ ހިއްސާކުރަންޖެހޭނީ އެ މަހެއްގައި ކަނޑައަޅާފައިވާ ތީމްއަކަށެވެ. ފޮޓޯއާއި ވީޑިއޯ އަޕްލޯޑް ކުރާއިރު #ވިޒިޓް މޯލްޑިވްސް ޖަހަންޖެހޭނެއެވެ.
މިކަމާއި ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒް ވިދާޅުވީ، ކޮވިޑް19ގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތައް ލިބުނު ގެއްލުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އޭގެ އަސަރުކޮށްފައިވާކަމަށެވެ. އެހެންކަމުން އުރީދޫ މޯލްޑިވްސްގެ އަމާޒަކީ އަލުން ފަތުރުވެރިކަން ކުރިއެރުވުންކަމަށެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެ އިތުރަށް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިނާމު ލިބޭ ފަރާތެއް ކަނޑައަޅާނީ ކޮންމެ މަހެއް ނިމުމުން ބާއްވާ ލަކީޑްރޯއަކުންނެވެ. ފުރަތަމަ މަހުގެ ތީމްއަކީ ރާއްޖޭގެ ސަޤާފަތާއި އާދަކާދައެވެ. އެހެންކަމުން ރާއްޖޭގެ ކެއިންބުއިންތަކާއި، ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި، ސަޤާފަތް ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވޭނެއެވެ. ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ވ. ކެޔޮދޫ ޖުޕިޓަރ ސަންރައިޒް ގައި 2 މީހަކަށް, 2 ދުވަހުގެ ހުރުމެއް ލިބިގެންދާނެއެވެ.
މި ކެމްޕެއިން މެދުވެރިކޮށް ދުނިޔޭގެ 10 ޤައުމެއްގެ 117 މީހުންނާއި ހަމައަށް ރާއްޖެ ޕްރޮމޯޓް ވެގެންދާނެއެވެ.