އައްޑޫ ސިޓީއަށް ބުދަ ދުވަހުގެ ރޭ އެރި ނަގޫރޯޅިއެއް އަރައި ލިބުނު ގެއްލުންތައް ބެލުމަށް ރައީސްގެ ޚާއްސަ ވަފްދެއް އައްޑޫ ސިޓީއަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި އައްޑޫ ސިޓީ އަށް ދިއުމަށް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފެވެ.
ނަގޫރޯޅި އެރުމާ ގުޅިގެން އައްޑޫ ސިޓީއަށް ލިބިފައިވާ ގެއްލުންތައް ބަލައި ހާދިސާގައި އެހީތެރިކަން ބޭނުންވާނެ ކަންތައްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް މި ޓީމުން އަރުވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އައްޑޫ ސިޓީ އަށް ބުދަދުވަހުގެ ރޭ އެރި ނަގޫރޯޅީގައި 16 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ އިރު ބައެއް ގެތަށް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފަ އެވެ. ގެއްލުން ލިބުނު ގެތަކުގެ ރައްޔިތުންނަށް ވަގުތީ ހިޔާތައް ފޯރުކޮށްދީފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.
އައްޑޫ ސިޓީގެ ފުރާޅު އެއްލާލި ގެތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ވެސް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ. އެގޮތުން ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުންގެ އާއިލާގެ ގެތަކުގައި އާއި ގާތް ރައްޓެހިންގެ ގެތަކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން ސްކޫލް ކުދިންގެ ތަކެތި ވިއްކާ އައިލެންޑް ބުކްސޮޕާއި ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އައިލެންޑް ބުކްސޮޕްގެ ފުރާޅުވެސް ނަގޫރޯޅީގައި އެއްލާލާފައި ވަތީ އެފިހާރާގައި ހުރި މުދާ ވަނީ ހަލާކުވެފަ އެވެ.