މިހާރު މިކުރާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެދާނެތީ އެކަމަށް ސަމާލުވުމަށް އުތުރާއި މެދު ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންގައިފި އެވެ.
ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިހާރު މިކުރާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްތަކަށް ވަރަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށެވެ. މި ސަރަހައްދުތަކަށް 50 މިލިލީޓަރުގެ ވާރޭ ވެހޭނެ ކަމަށާއި މި ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
މި ސަރަހައްދުތުތަކަށް 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރެވެހި ފެންބޮޑު ވުމަކީ، އެކަށީގެންވާ ކަމެއް ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުވެސް މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް އާދައިގެ ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެގޮތުން އާއްމުގޮތެއްގައި ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެ އެވެ. ވިލާ ގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާ ވިއްސާރައިގައި ބުދަދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ، އައްޑޫ ސިއްޓީއަށް ނަގޫރޯޅިއެއް އަރާއި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ.