Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 14:36
ނަޑެއްލާގެ ފެން ހިތްކުމުގެ މަސައްކަތް ބުދަ ދުވަހުގެ ރޭ ކުރަނީ
ނަޑެއްލާގެ ފެން ހިތްކުމުގެ މަސައްކަތް ބުދަ ދުވަހުގެ ރޭ ކުރަނީ
ޓްވިޓަރ
ފެން ބޮޑުވުން
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
ގިނަ އަދަދެއްގެ ގެއަށާއި މުދަލަށް ވަނީ ގެއްލުންވެފަ
އެރަށުގެ ތިން ބައިކުޅަ ދެބައި ގެއަށް ވަނީ ފެން ވަދެފަ
ފެންގަނޑު ހިއްކުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އަންނަނީ ކުރަމުން

ގދ. ނަޑެއްލާގައި ފެން ބޮޑުވެ، ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުން ލިބިއްޖެ އެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ ހަވީރު 3:00 އިން ފެށިގެން އެރަށަށް ވެހެމުންދިޔަ ވާރޭ ތުނިކޮށްލީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ރަށުގެ ތިން ބައިކުޅަ ދެބައި ގެއަށް ފެން ވަދެފައިވާ ކަމަށާއި ބައެއް ގެތައް އެއްކޮށް ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ގާތްގަނޑަކަށް 80 އަށް ވުރެ ގިނަ ގެ. ގެތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފަރުނީޗަރަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި،" ފައިސަލް ވިދާޅުވި އެވެ.

ގިނަ ގެތަކެއްގައި ފެންބޮޑުވީ ފައިސަލް ވިދާޅުވި ގޮތުގައި، އެންމެ ބޯކޮށް ވާރޭ ވެހުނީ ދަންވަރުގެ ވަގުތުގައި ކަމަށް ވުމުންނެވެ. އެހެންވެ، ސަލާމަތީ ގޮތުން ބައެއް ކަންކަން ކުރަން ދަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުންދިޔަ ކަމަށާއި ރޭގެ ވަގުތެއްގައި އެމްއެންޑީއެފުން ވެސް އެ ރަށަށް ގޮސް ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މި ދުވަސްވަރު ރޭއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބައެއް ބައެއް ރަށްރަށަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

ބުދަ ދުވަހުގެ ރޭ އައްޑު އަށް ނަގޫ ރޯޅިއެއް އަރައި ގިނަ ގެތަކަކަށް ގެއްލުން ލިބިފައިވާއިރު، ތޮއްޑުއަށް ބުދަ ދުވަހު އައި ކޮޅިގަނޑެއްގައި އެ ރަށުގެ ގިނަ އަދަދެއްގެ ފަޅޯ ދަނޑުތައް ވަނީ ހަލާކުވެފަ އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ބުނި ގޮތުގައި އެރަށުން އެއް ހާހަށް ވުރެ ގިނަ ފަޅޯގަސް ވަނީ ބިންދައިގެން ގޮސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް