Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 06:40
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް
މުހައްމަދު ޝަރުހާން
މަޚްލޫފްގެ އިސްތިޢުނާފު
މަޚްލޫފްގެ އިސްތިޢުނާފުގެ މައްސަލަ ހައިކޯޓުގައި އަނެއްކާވެސް ތާވަލް ކޮށްފި
ތާވަލް ކޮށްފައިވަނީ ތަންފީޒުކޮށް ނިމިފައިވާ ޙުކުމުގެ މައްސަލަ
2 ޙުކުމް ތަންފީޒުކޮށް، ޖޫން މަހު މަޚްލޫފް މިނިވަންވާނެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފުގެ މައްޗަށް ކޮށްފައިވާ ޖަލުޙުކުމުގެ ތެރެއިން، ތަންފީޒުކޮށް ނިމިފައިވާ ހަ މަސްދުވަހުގެ ޖަލު ޙުކުމުގެ އިސްތިޢުނާފު މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލްކޮށްފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ބާއްވާފައިވާއިރު، މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ. ހައިކޯޓުގައި މަޚްލޫފު އިސްތިއުނާފް ކޮށްފައިވާ މި މައްސަލައަކީ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށާފައިވަނީ ހަ މަސްދުވަހުގެ އެ ޖަލު ހުކުމް ތަންފީޒުކޮށް ނިންމިތާ 2 މަސްފަހުންނެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ މަޚްލޫފްގެ މައްޗަށް ސާބިތުކޮށްފައިވަނީ، ފުލުހުން ބެރިކޭޑް ޖަހާފައިވާ ސަރަހައްދަކަށް ވަތް ކަމަށްބުނެ، އެންމެ މީހަކު ދީފައިވާ ހެކިބަހަށް ބަލައިގެން ކަން ފާހަގަކޮށް، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މަޚްލޫފުގެ ވަކީލް ވަނީ، މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ ކިތައް މީހުންގެ ހެކި ބަހުންކަން ގާނޫނުގައި ކަނޑައަޅާފައި ނެތް ނަމަވެސް މީހެއްގެ މައްޗަށް ކަމެއް ސާބިތުކުރުމަށް ދެ ހެކިން ބޭނުންވާކަން ރަސޫލާގެ ސުންނަތުން ސާބިތުވާކަން ފާހަގަކުރައްވާފައެވެ. އަދި ހަމަ މިއާއިއެކު، މިފަދަ ގޮތަކަށް، އެންމެ މީހެއްގެ ހެކިބަހަށް ބުރަވެ، މީހެއްގެ މައްޗަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް މީގެ ކުރިން ދަށު ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއްގެ ލިޔެކިޔުންވެސް މަޚްލޫފުގެ ވަކީލް ވަނީ ހައިކޯޓަށް ހުށަހަޅުއްވާފައެވެ.

ދަށު ކޯޓުގައި މަހްލޫފުގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމާފައިވާއިރު، އިސްތިއުނާފު މަރުހަލާގައި އެ ހެކިންގެ ހެކިބަސް ނެގުމަށްވެސް މަޚްލޫފްގެ ފަރާތުން ވަނީ އިސްތިއުނާފުގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

މި މަސައްލައިގައި މަހްލޫފުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިޢުނާފު މަޖިލީހުންވެސް ދަމަހައްޓައިދޭން ދައުލަތުގެ ވަކީލް ވަނީ އެދިވަޑައިގެންފައެވެ. މި މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް މަޚްލޫފް ކޯޓުގައި އެދިވަޑައިގެންފައިވާއިރު، މަޚްލޫފް މިހާރު ގެންދަވަނީ، ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވާފައިވާ 4 މަސްދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މިހާރު ތަންފީޒުކުރަމުންދާ ޙުކުމް ނިމި، އަންނަ ޖޫން މަހު މަހްލޫފް މިނިވަން ވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް