Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 05:05
އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާ ޤާސިމް އިބްރާހިމް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާ ޤާސިމް އިބްރާހިމް ވާހަކަފުޅުދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
މޮޔަ ކަންކަން ނުކުރުމަށް ރައީސް ޔާމީނަށް ގޮވާލަން: ޤާސިމް
އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބާއި މެދު ބޮޑާވެގެން ނުވާނެ
ރައްޔިތުން ވަނީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފަ
ޤާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލާކަށް އެއްވެސް މީހަކު ނޫޅޭ

ވިސްނަވާވަޑައިނުގެން، މޮޔަ ކަންކަން ނުކުރެއްވުމަށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

 

ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގޭގައި ބުދަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޤާސިމް ވިދާޅުވީ، ނިމިގެންދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ނަތީޖާ ހާމަވުމާއި އެކު މެންދަމުގެ ވަގުތުގައި އާސަންދައިގެ ޚިދުމަތް ކަނޑާލުމަކީ ކީއްވެގެން ކުރިކަމެއްކަން ހުރިހާ ރައްޔިތުންވެސް ދަންނަ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު، ރައީސްގެ ހެޔޮފުޅުކަމުން، އެ ޚިދުމަތް އަލުން ދޭން ފެށި ނަމަވެސް، އެފަދަ ކަންކަން މިހާރު ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށް ޤާސިމް ވިދާޅުވި އެވެ. 

 

އެހެންކަމުން، ހަމަޖެހިގެން ވިސްނުންތެރިކަމާއި އެކު ކަންކަން ކުރެއްވުމަށް ރައީސް ޔާމީންއަށް ޤާސިމް އިލްތިމާސް ކުރެއްވިއެވެ.

 

ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، އެ އިންތިޚާބުގައި ހާމަވެގެން ދިޔަ އެއް ކަމަކީ، ދިވެހި ރައްޔިތުން ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ މިންވަރު ކަމަށެވެ. އެގޮތުން، ކައުންސިލް އިންތިޚާބުގައި ރައީސް ޔާމީންގެ ފަހަތުގައި ތިބި ކެނޑިޑޭޓުންނަށް ރައްޔިތުން ވޯޓުނުދިނީ ރައީސް ޔާމީން ކުރައްވާ ކަންކަން ބަލައިނުގަންނާތީ ނޫން ކަމަށާwi، ނަމަވެސް، ރައްޔިތުން އެގޮތަށް ވޯޓުދިނީ، ރައީސް ޔާމީން ކުރައްވާ ކަންކަމުގައި ދެފުށް ފެންނަ، ހާމަކަންބޮޑު ނިޒާމެއް ނެތުމުން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވާ ކަންކަމުގައި އިންސާފުވެރިކަން ނެތުމަކީވެސް ރައްޔިތުން އެމަނިކުފާނާއި ދެކޮޅަށް ވޯޓުދިން ސަބަބެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

 

ޤާސިމް ވިދާޅުވީ، ތަރައްޤީއަށް ކުރައްވާ އެކިއެކި މަސައްކަތްތަކުގެ އަގުތައް ރައްޔިތުންނަށް ހާމަވެ، ސާފުވާން ޖެހޭ ކަމަށާއި، އެ އަގުތަކަކީ، މަސައްކަތަށް އެކަށޭނަ އަގުތަކެއްކަން ރައްޔިތުންނަށް ޔަޤީންވާން ޖެހޭ ކަމަށެވެ.

 

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބުނު ކާމިޔާބާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުން ބޮޑާވެގެން ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ލިބުނު ތާއީދު ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އިދިކޮޅު ފަރާތްތަކުން ތަރައްޤީއާއި ހަމަޖެހުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޤާސިމް ވިދާޅުވި އެވެ. 

 

އިދިކޮޅު ފަރާތްތަކަށް ކުރިމަތިވަމުންދާ އެކިއެކި ކަންކަމަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ، ޤާނޫނާއި ޚިލާފަށް ވެރިކަން ބަދަލުކުރުމަށް، ނުވަތަ އެހެންވެސް ކަމެއް ކުރުމަށް އިދިކޮޅު ފަރާތްތަކުން ނޫޅޭ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ  ޤާނޫނުން ރައްޔިތުންގެ  މަންދޫބުންނަށް ލިބިދީފައިވާ އެކިއެކި ބާރުތައް، ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ބޭނުން ކުރުމުގެ ފުރުޞަތު ލިބެން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް