Advertisement
ކ. މާލެ
|
18 މެއި 2017 | ބުރާސްފަތި 00:18
ޤާސިމް އިބްރާހީމް: ކުނޫޒްގައި ހަދާފައިވާ ޖަލުގޮޅީގައި
ޤާސިމް އިބްރާހީމް: ކުނޫޒްގައި ހަދާފައިވާ ޖަލުގޮޅީގައި
ޓްވިޓަރ
ޤާސިމް އިބްރާހީމް
ޝަރުތުތައް އުވާލުމާއެކު އެމްޑީޕީ ހަރުގެ ޖަލްސާގައި މިރޭ ޤާސިމް ބައިވެރިވަނީ
މާދަމާރޭ ކުނޫޒްގައި ޖަލްސާ ބާއްވާނެ
ޖަލްސާ ތަކުގައި ޤާސިމް ބައިވެރިވެވަޑައިގަންނަވާނެ
އިސްލާހީ މަސައްކަތުގައި ޤާސިމް ފަހަކަށް ނުޖެހޭނެ

ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލުމާއެކު، ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީގެ ހަރުގޭގައި މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ޤާސިމް ނިންމަވައިފިއެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

ސަމީރު އެކަން ޓްވީޓް ކުރެއްވުމުގެ އިތުރުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އިސްލާހަށް ކުރާ މަސައްކަތުގެ ތެރެއިން  ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބާއްވާ ޖަލްސާގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ބުދަދުވަހުގެރޭގެ ހަރުގޭގެ ޖަލްސާގައި ޤާސިމް ބައިވެރިވެވަޑައިގަންނަވާއިރު ބުރާސްފަތިދުވަހުގެ ރެއިން ފެށިގެން އަނެއްކާވެސް ކުނޫޒްގައި އެ ޖަލްސާތައް ބާއްވަން ފައްޓަވާނެ ކަމަށެވެ. އަދި ޤާސިމް އިބްރާހީމްވެސް އެޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު ޤާސިމް ބަންދުން ދޫކޮށްލަމުން ކްރިމިނަލް ކޯޓުން ވަނީ ވަރުގަދަ ޝަރުތުތަކެއް ޤާސިމްގެ މައްޗަށް ކޮށްފައެވެ.

ޤާސިމަށް ކުރި ޝަރުތުތަކަކީ:

  • ތަހުގީގަށް އެއްބާރުލުން ދެއްވުން
  • ފުލުހުންގެ ހުއްދަ ލިބިގެން މެނުވީ ރަށުން ބޭރަށް ވަޑައިނުގަތުން
  • ފިތުނަ އުފެދޭ ކަހަލަ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
  • ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރަފާނެ ފަދަ އެއްވެސް ކަމެއް ނުކުރެއްވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކެވުން
  • ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދެއްކުމަށް ޤާސިމްގެ ގޯތި ގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫނުކުރެއްވުން
  • ދައުލަތުގެ ތިން ބާރާއި، އެ ބާރުތަކުގެ ވެރިންނާ މެދު ނުތަނަވަސްކަން އުފެދޭ ކަހަލަ ވާހަކަ ނުދެއްކެވުން

މިޝަރުތުތަކަށް ތަބާވުމުގެ ގޮތުން ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ.ކުނޫޒްގައި ގުޅިފައިވާ ޕާޓީތަކުން ބާއްވަމުންދިޔަ ސިލްސިލާ ޖަލްސާތައް މެދުކަނޑާލާ އެމްޑީޕީ ހަރުގެއަށް ޖަލްސާތައް ބަދަލުކޮށްފައެވެ. އަދި އެޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުންވެސް ޤާސިމް ވަނީ ހުއްޓަވާލައްވާފައެވެ.

ނަމަވެސް ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެޝަރުތުތައް އުވާލާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
17 މެއި 2017 | ބުދަ 21:02
Majid
ސާބަހޭ ބަފަޔާ މިކަން ނިންމާފަ ނޫނީ ހުއްޓާނުލާތި