Advertisement
ކ. މާލެ
|
17 މެއި 2017 | ބުދަ 21:09
ދޯންޏަކަށް ބަޔަކު ކާޑު އަރުވަނީ
ދޯންޏަކަށް ބަޔަކު ކާޑު އަރުވަނީ
ގޫގުލް
ކާޑުގެ އަގު ހެޔޮކުރުން
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
ތިން ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލުމަށްފަހު ވަނީ ކޮންޓްރޯލް އަގަށް ބަދަލު ގެނެސްފަ
ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެއް
ކާޑުގެ ބާވަތްތަކުގެ އަގަށް ބަދަލު ގެނެސްފައިމިވަނީ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް

ކާޑުގެ ބާވަތްތަކުގެ އަގުން ކުޑަ ލާރިކޮޅެއް އުނިކޮށް، ކާޑުގެ ބާވަތްތަކުގެ އަގު އަނެއްކާވެސް ހެޔޮކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

 

ޒަމާނުއްސުރެ ކާޑުގެ ބާވަތްތަކަށް ދެމުންގެންދިޔަ ސަބްސިޑީސް ކަނޑާލައި، ކާޑުގެ ބާވަތްތަކުގެ އަގު 100 އިންސައްތަ ބޮޑުކުރުމަށް ސަރުކާރުން ނިންމީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރުގެ އެ ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުންދަނިކޮށް، އިކޮނޮމިކް މިނިސްޓްރީ ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

 

ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ގެނެސްފައިވާ ބަދަލުތައް ދައްކާގޮތުން، ކާޑު ބާވަތްތަކަށް އަގަށް މާބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އަދި ކާޑުގެ ބާވަތްތަކުގެ އަގުން ހެޔޮކޮށްފައިވަނީ ކުޑަ ލާރިކޮޅެކެވެ.

 

ކޮންޓްރޯލް އަގަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، ހއ. ހދ. ށ ހިމެނޭ ޒޯންގައި ހަނޑޫ ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ، -/7.78 ރ އަށެވެ. އަދި ހަކުރު ކިލޯއެއް -/7.82 ރ އަށް ވިއްކުމަށް ނިންމާފައިވާއިރު، އެ ޒޯނުގައި ފުށް ކިލޯއެއް ވިއްކުމަށް ކަނޑައަޅާފައިވަނީ -/6.28 ރ އަށެވެ.

 

ކޮންޓްރޯލް އަގަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން، ނ. ރ. ބ. ޅ. ކ. އއ. އދ. ވ. މ. ފ. ދ. ތ. ހިމެނޭ ޒޯންގައި ހަނޑޫ ކިލޯއެއް -/7.85 ރ އަށް ވިއްކުމަށް ހަމަޖައްސާފައިވާއިރު، ހަކުރު ކިލޯއެއް -/7.62 ރ އަށް އަދި ފުށް ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ -/6.08 ރ އަށެވެ.

 

ކޮންޓްރޯލް އަގަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިން، ލ. ގއ. ގދ. ޏ. ސ ހިމެނޭ ޒޯންގައި ހަނޑޫ ކިލޯއެއް ވިއްކުމަށް ހަމަޖެހިފައިވަނީ -/7.97 ރ އަށެވެ. އަދި އެ ޒޯންގައި ހަކުރު ކިލޯއެއް -/8.01 ރ އަށް ވިއްކުމަށް ނިންމާފައިވާއިރު، ފުށް ކިލޯއެއް ވިއްކުމަށް ނިންމާފައިވަނީ -/6.47 ރ އަށެވެ.

 

ހުރިހާ ޒޯންއެއްގައިވެސް ކާޑުގެ ބާވަތްތަކުން ހެޔޮކޮށްފައިވަނީ 10 ވަރަކަށް ލާރިއެވެ. ބައެއް ބާވަތްތަކުގެ އަގަށް އެއްވެސް ބަދަލެއްވެސް އައިސްފައެއް ނުވެއެވެ.

 

އިކޮނޮމިކް މިނިސްޓްރީ ކޮންފައިވާ އިއުލާންގައި ބުނެފައިވާގޮތުން ކޮންޓްރޯލް އަގަށްވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ. އަދި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ.

 

ދައުލަތުގެ ބަޖެޓުން ކާޑުގެ ބާވަތްތަކަށް އެސްޓީއޯ އަށް ދެމުން ގެންދިޔަ ސަބްސިޑީ ދިނުމުގެ އުސޫލަށް މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާއި ގުޅިގެން ކާޑުގެ އަގުތައް ވަނީ ބޮޑުވެފަ އެވެ. އެގޮތުން ކުރިން 3.98 ރުފިޔާއަށް ގަނެފައިވާ ހަނޑޫ ކިލޯއެއްގެ އަގު 7.96 ރުފިޔާއަށް، ކުރިން 4.50 ރުފިޔާއަށް ގަނެފައިވާ ހަކުރު ކިލޯއެއްގެ އަގު 8 ރުފިޔާއަށް އަދި ކުރިން 3.50 ރުފިޔާއަށް ގަނެފައިވާ ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ބޮޑުވެގެން ގޮސްފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް