Advertisement
ކ. މާލެ
|
17 މެއި 2017 | ބުދަ 17:06
ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ
ކައުންސިލް އިންތިހާބުގައި މީހަކު ވޯޓްލަނީ
ރާއްޖެ އެމްވީ
އިންތިޚާބުގެ ދެވަނަ ބުރު
މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި
ކޮމަންޑޫގައި ބާއްވަނީ ބައި އިލެކްޝަނެއް
މަޑިފުށީ ކައުންސިލް އިންތިހާބުގައި އަލުން ބާއްވާއިރު ވާދަ ކުރާނީ ހަތަރު ކެންޑިޑޭޓުން
ކުރިން އެއްވަރުވި ކަމަށް ބެލި ކުރިނބީ ކައުންސިލްގެ ގޮނޑި އަލުން ގުނި އިރު އެމްޑީޕީ ކެންޑިޑޭޓަށް ވަނީ ކުރި ލިބިފައި

ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން ނިންމާފައިވާ ތ. މަޑިފުއްޓާއި ށ. ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީ އިން ބުނީ ކޮމަންޑޫ އާއި މަޑިފުށިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު މެންދުރު ފަހު 2:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށާއި އެ ރަށްތަކުގެ ކައުންސިލް އިދާރާ އާއި އިންތިހާބީ މަރުކަޒުން ޝަކުވާ ހުށަހަޅާ ފޯމު ދޫކުރާނެ ކަމަށެވެ. އަދި އިއްޔެ ވަނީ ރީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޮމަންޑޫގެ އިންތިހާބު ބާއްވަނީ ކެންޑިޑޭޓުންގެ މެދުގައި އެއްވަރުވުމުން ކަމަށެވެ.

ކޮމަންޑޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކާއި ޕީޕީއެމްގެ ޓިކެޓުގައި ތިން ކެނޑިޑޭޓަކު ވާދަކުރިއިރު، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެނީ އެމްޑީޕީން ވާދަކުރި ދެ ކެނޑިޑޭޓެއްގެ ނަތީޖާ އެއްވަރުވުމުންނެވެ.

އެގޮތުން އެމްޑީޕީން ވާދަކުރި އަހުމަދު ރިފްއަތު އާއި މުހައްމަދު އާރިފް އަހްމަދުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. ދެ ކެނޑިޑޭޓުންނަށް ވެސް ލިބިފައި ވަނީ 518 ވޯޓެވެ.

ކޮމަންޑޫ ކައުންސިލަށް ތިން ކައުންސިލަރުން އިންތިޚާބު ކުރާއިރު، އިންތިޚާބުގައި ވާދަ ކުރި ހަ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމުން ވާދަކުރި މުހައްމަދު ޝުޖުއާން އަށެވެ. މުހައްމަދު ޝުޖުއާން އަށް 568 ވޯޓް ލިބުނު އިރު ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނު އެމްޑިޕީގެ ކެނޑިޑޭޓް މުހައްމަދު މުފީދަށް ލިބުނީ 556 ވޯޓެވެ. ދާއިމީ ނަތީޖާ ދައްކާ ގޮތުން މުހައްމަދު ޝުޖުއާން އާއި މުހައްމަދު މުފީދަށް ގޮނޑި ވަނީ ކަށަވަރުވެފަ އެވެ. ތިން ވަނަ ކައުންސިލަރު ކަށަވަރުވަނީ ނަތީޖާ އެއްވަރުވި ދެ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ އިންތިޚާބަށް ފަހު އެވެ.

މީގެ އިތުރުން މަޑިފުށީ ކައުންސިލް އިންތިހާބް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ. އެގޮތުން މަޑިފުށީ ކައުންސިލް އިންތިހާބު އަލުން ބާއްވަން ނިންމީ މަޑިފުއްޓަށް ނިސްބަތް ނުވާ މީހަކު އެ ދާއިރާ އަށް ވޯޓް ދެވިފައިވާތީ ކަމަށް އީސީގެ މެމްބަރު އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މަޑިފުށީ ނޫން މީހަކަށް މަޑިފުށީ ދާއިރާ އަށް ވޯޓް ލެވުނީ ނުބައި ކަރުދާސް ކޮޅެއް ދެވިގެން ކަމަށެވެ. ނަމަވެސް އެއީ ކޮންމެ ދާއިރާއަކަށް ވޯޓްލާން ޖެހޭ މީހެއް ކަމެއް އަކްރަމް ވިދާޅެއް ނުވެއެވެ.

އިންތިހާބު އަލުން ބާއްވަން ނިންމި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ މަޑިފުށީ އިންތިހާބު އަލުން ބާއްވަން ނިންމީ 2014 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި މިކަހަލަ ކަމެއް ހިނގާފައި ވާތީ އެކަމާ ގުޅިގެން ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހަމައެހެންމެ މަޑިފުށީ ކައުންސިލް އިންތިހާބް އަލުން ބާއްވަން ނިންމީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕެލެއިންސް ބިޔުރޯ އަށް ލިބުނު މައްސަލަތައް ބެލުމަށް ފަހުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިންތިހާބް ބައްވާނީ ހަތަރު ކެންޑިޑޭޓެއްގެ މެދުގައި ކަމަށެވެ. އެގޮތަށް ނިންމީ ތިން ކެންޑިޑޭޓުން ހޮވަންޖެހޭ އިރު އެންމެ ވޯޓަކުން ވެސް އެ ހަތަރު ކެންޑިޑޭޓުންގެ ނަތީޖާ އަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

މަޑިފުށީ ކައުންސިލް އިންތިހާބުގައި ހަތް ކެންޑިޑޭޓުން ވާދަ ކޮށްފައިވާއިރު އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން އެއް ވަނައިގައިވާ ޕީޕީއެމްގެ އައްބާސް އަހްމަދާއި އަލީ ހަސަން އަށް 389 ވޯޓު ލިބިފައި ވެއެވެ. އަދި ދެ ވަނަ އަށް ދިޔަ އެމްޑީޕީގެ ހަސަން އަބްދުﷲ 388 ވޯޓު އަދި ތިން ވަނަ އަށް ދިޔަ ޕީޕީއެމްގެ އިސްމާއީލް ހިލްމީ އަށް ލިބިފައި ވަނީ 387 ވޯޓެވެ. އެހެން އެންމެ ވޯޓަކުން ވެސް މި ހަތަރު ނަތީޖާ އަށް ވެސް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތެވެ. .

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް