ބިދޭސީ ޓީޗަރުން ގެނައުމަށް އެމީހުންގެ އަތުން ނަހަމަ ގޮތުގައި ފައިސާ ނަގާކަން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައިވަނީ ސަރުކާރު ސްކޫލްތަކަށް ގެންނަ ބިދޭސީ ޓީޗަރުން ހޯދުމުގައި ޢަމަލު ކުރަމުންދާ ގޮތުގެ ޚާއްޞަ އޮޑިޓް ރިޕޯޓުންނެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރ 2012 އިން ފެށިގެން 2015ގެ ނިޔަލަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބިދޭސީ ޓީޗަރުން ހޯދާފައިވަނީ ބިދޭސީ ޓީޗަރުން ހޯދުމަށް އެމިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތައްތޯ ބެލިބެލުމުން ބިދޭސީ ޓީޗަރުންގެ އަތުން ނަހަމަ ގޮތުގައި ފައިސާ ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގައިވާ ފަދައިން ވަޒީފާއަށް އެދޭ މީހެއްގެ އަތުން ސީދާކޮށްވިއަސް އަދި ނުސީދާކޮށް ވިއަސް އެއްވެސް ފީއެއް ނުނެގުމަށް ރެކްރޫޓިންގ އޭޖެންސީތަކާއެކު މިނިސްޓްރީއޮފް އެޑިއުކޭޝަނުން ވެފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވީނަމަވެސް ވަޒީފާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް ކަމަށްބުނެ އޮޅުވާލައިގެން ވަޒީފާއަށް ހޮވޭ ފަރާތްތަކުގެ އަތުން، އޭޖެންސީތަކާ ގުޅިފައިވާ އެފިލިއޭޓް އޭޖެންސީތައް (އިންޑިއާގެ އޭޖެންސީތައް) ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާ ރައީސް އޮފީހަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަދި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަން އިއުލާންތަކުގައި ބަޔާން ކުރުމަށް 2014 ވަނަ އަހަރުގެ ތެރޭގައި އެއެޖެންސީތަކަށް އެންގުން ފިޔަވައި މިނިސްޓްރީގެ ނަމުގައި ފައިސާނެގުން ހަނިކުރެވޭނެ ގޮތައް އިތުރު ކޮންޓްރޯލެއް ޤާއިމްކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސްކޫލްތަކުގައި ވަޒީފާ އަދާކުރާ 144 ބިދޭސީ ޓީޗަރެއް މެދުވެރިކޮށް އޮޑިޓް އޮފީހުން ކޮށްފައިވާ ސަރވޭއަކުން އެނގުނު ގޮތުގައި އެފަދަ ގޮތަކަށް ޓީޗަރުންގެ އަތުން ފައިސާ ނަގަމުންދަނީ ޓީޗަރު މާލެ އައުމުގެ ޓިކެޓަށާއި ޓީޗަރުންގެ ވަޒީފާ ހަމަޖެހޭ ސްކޫލްތަކުން ޓީޗަރާ ހަވާލުވުމާ ހަމައަށް މާލޭގައި އެކޮމަޑޭޝަން ހަމަޖެއްސުމާއި އަދި ވަޒީފާއާ ގުޅޭ އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށް ކަމަށް ބުނެ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 144 ޓީޗަރުން ދީފައިވާ މައުލޫމާތައް ބަލާއިރު 56 ޕަސެންޓް ޓީޗަރުންގެ އަތުން ރެކްރޫމަންޓް ޕްރޮސެސްގެ ތެރެއިން ފައިސާ ނަގާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން ކޮންމެ ޓީޗަރެއްގެ އަތުން އެވްރެޖްކޮށް1300 އެމެރިކާ ޑޮލަރު ނަގާފައިވާ ކަމަށެވެ.