ކ. މާލެ
|
18 ޖުލައި 2021 | އާދީއްތަ 12:34
މާބަނޑު މީހުން ވެސް ފައިޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައިވޭ
މާބަނޑު މީހުން ވެސް ފައިޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައިވޭ
ރާއްޖެއެމްވީ
ކޮވިޑް-19އާއި މާބަނޑު އަންހެނުން
ކޮވިޑުން މާބަނޑު މީހުންނާއި ދަރިފުޅަށް އަސަރުކުރޭތަ؟
 
ޕޮޒިޓިވްވި ނަމަވެސް ދަރިފުޅަށް ނޭދެވޭ އަސަރެއް ނުކުރާނެ
 
ކޮވިޑް-19އާ ގުޅިގެން މާބަނޑުވުމަށް މަޑުކުރާކަށް ނުޖެހޭ
 
މާބަނޑުވުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އާދޭ

ކޮވިޑް-19އާ ގުޅިގެން އެންމެން ވެސް ހާސްކުރުވިއެވެ. ބަލީގެ އަސްލު ހަގީގަތް ނޭނގުމާއި އަދި ބައްޔަށް ޚާއްސަ ފަރުވާއެއް ނެތުމަކީ ހާސްކަން ގެނުވި ސަބަބުތަކެކެވެ. ބަލީގެ ހަގީގަތް ދެނެގަތުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާއިރު، ބަލީގައި ޚާއްސަ ސަމާލުކަމެއްދޭން ޖެހޭ ކެޓަގަރީ ނުވަތަ ހައިރިސްކް މީހުން ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

މި ކެޓަގަރީގައި ހިމެނޭ އެއްބަޔަކީ މާބަނޑު އަންހެނުންނެވެ. އާދައިގެ މީހުންނެކޭ އެއްގޮތަށް މިބަލި މާބަނޑު މީހުންނަށް ޖެހުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. މާބަނޑުވުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، މީހާގެ ދިފާއީ ނިޒާމު ކުޑަކޮށް ދަށްވެގެންދެއެވެ. އަދި ނޭވާލާ ނިޒާމަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް އާދެއެވެ. އެހެންކަމުން މާބަނޑުމީހާއަށް މިބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ރީސާޗުތަކުން ދައްކައެވެ.

ކޮވިޑް-19ގައި މާބަނޑު މީހުންނަށް ބޮޑުވަރުވޭތަ؟

މާބަނޑު މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ ގިނަ މީހުންގެ ހާލަތު ސީރައަސްނުވެ ބަލި ރަނގަޅުވެއެވެ. ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަކީ މާބޮޑު އުނދަގޫތަކެއް ކުރިމަތިނުވެ ބަލިން ރަނގަޅުވާ މީހުންނެވެ. އަދި މާބަނޑު މީހުންގެ ހާލަތާ ބެހޭ ގޮތުން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ، ޑރ. އައިމިނަތު ނުސްރާ ވިދާޅުވެފައިވަނީ ބަލިޖެހޭއިރު ގިނަ މީހުންނަށް ދިމާވާ އުނދަގޫތަކަކީ ހުން އައުމާއި، ގައިގައި ރިއްސުމާއި، ކެއްސުމާއި، ވަރުބަލިވެ ބޮލުގައި ރިއްސުމެވެ. އަދި މަދު ހާލަތެއްގައި ބަނޑު ދިޔާވުމާއި މާބޮޑަށް ހޮޑުލެވޭ ގޮތް މެދުވެރިވާ ކަމަށް ޑރ. ނުސްރާ ވިދާޅުވިއެވެ.

ނަމަވެސް ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ބަރުދަން މާ މަތިވުމުގެ އިތުރުން އެހެނިހެން ސިއްހީ މައްސަލަތައް ކުރިމަތިވެފައި ތިބި މާބަނޑު އަންހެނުން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ބައެއް ކޮންޕްލިކޭޝަންސްތައް ކުރިމަތިވެފައިވެއެވެ. އެހެންކަމުން ބައެއް މީހުން ވެންޓިލޭޓަރަށް ނުވަތަ އައިސީޔޫއަށް ލާންޖެހޭ ހާލަތު ކުރިމަތިވާކަން ޑރ. ނުސްރާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19އާ ގުޅިގެން މާބަނޑުވުމަށް މަޑުކުރަން ޖެހޭނެތަ؟

ކޮވިޑް-19އާ ގުޅިގެން މާބަނޑު ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު، މިދުވަސްވަރު ބަލިވެއިނުން ރަނގަޅު ނޫން ކަމަށާއި، ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖެހުމަށްފަހު ވެސް މަޑު ކުރުމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫންކަން މިހާރު މިވަނީ ޔަގީންވެފައެވެ.

މާބަނޑު މީހުން ކޮންމެ މަހަކު ކޮޑްޓަރަށް ދައްކާ ޗެކަޕް ހަދަން ޖެހޭ

ކޮވިޑް-19އާއި މާބަނޑު އަންހެނުންނާ ގުޅޭ ގޮތުން ޑރ. ނުސްރާ ވިދާޅުވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން މާބަނޑުވުމަށް މަޑުކުރާކަށް ނުޖެހެވެ. ނަމަވެސް މާބަނޑުވުމަށް ތައްޔާރުވަމުންދާއިރު، މައިމީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ބަލަންޖެހެއެވެ. މައިމީހާ ރަނގަޅު ސިއްހަތުގައި ހުރުމަށްފަހު، މާލީ އަދި ޖިސްމާނީ ގޮތުން އެދެމަފިރިން އެކަމަށް ތައްޔާރުނަމަ ކޮންމެހެން މަޑުކުރަން ނުޖެހޭނެ ކަމަށެވެ.

ޑރ. ނުސްރާ އިރުޝާދު ދެއްވާފައިވަނީ ބަލިވެއިނުމަށް މަސައްކަތް ކުރާއިރު ތިން މަސްކުރިން ޑޮކްޓަރަށް ދެއްކުމަށްފަހު ފޯލިކް އެސިޑް ނަމަކަށް ކިޔާ ވިޓަމިން ބޭނުން ކުރުމަށެވެ. އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ތުއްތު ދަރިފުޅުގެ ސިކުނޑީގެ އިތުރުން ބަނޑުގައި އައިބުކަމެއްނެތި ހެދިބޮޑުވުމަށް އެހީވެދޭ ކަމަށެވެ. އަދި ދަރިފުޅު އުފެދުމުގައި ވެސް އައިބުކަމުގެ މައްސަލަތައް ކުޑަވެގެންދާނެ ކަމަށް ޑރ. ނުސްރާ ވިދާޅުވެފައިވެއެވެ.

ވެކްސިން ޖެހުމަށްފަހު މާބަނޑުވުން މަޑުކޮށްލަން ޖެހޭ ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނު. ނަމަވެސް މިހާރު އަޅުގަނޑުމެންގެ ދިރާސާތައް ދައްކަނީ އެއީ މުހިންމު ކަމެއް ނޫން ކަމަށް. ކޮވިޑް ވީމަ މާބަނޑުވުމަށް ހަދާ ޕްލޭން ހުއްޓާލާކަށް ނުޖެހޭނެ. ސިއްހީ ގޮތުންނާއި މާލީ ގޮތުން އަދި ޖިސްމާނީ ގޮތުން ރެޑީ ވެއްޖެއްޔާ ކުއްޖަކު ހޯދުން މައްސަލައެއް ނެތް.
ޑރ. އައިމިނަތު ނުސްރާ

މާބަނޑު މީހަކު ބައްޔަށް ޕޮޒިޓިވްވުމުން ދަރިފުޅަށް ނޭދެވޭ އަސަރުކުރާނެތަ؟

ކޮވިޑް-19އަކީ މުޅި ދުނިޔެއަށް އައު ބައްޔެކެވެ. ބައްޔާއި ބެހޭ ގޮތުން ދިރާސާތައް ހަދަމުންދާއިރު، މިހާތަނަށް ހެދިފައި ހުރި އެއްވެސް ދިރާސާއަކުން މައިމީހާ ބައްޔަށް ހުށަހެޅުނު ނަމަވެސް ބަނޑުގައިވާ ދަރިފުޅަށް މި ބަލީގެ ނޭދެވޭ އަސަރު ކުޑައެވެ. އަދި ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު ވެސް ވަރަށް ކުޑައެވެ.

ޑރ. ނުސްރާ ވިދާޅުވާ ގޮތުގައި ވިހެއުމުގެ ތެރޭގައި ވެސް ދަރިފުޅަށް ބަލި ވާރުތަވާކަމަށް ފާހަގައެއް ނުކުރެވެއެވެ. އަދި ބައިގެންދިއުމާއި، ދަރިފުޅު ދުވަސްނުފުރާ ވިހަން ޖެހުން ނުވަތަ ދަރިފުޅުގެ އައިބެއް ހުރުމަކީ ސީދާ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވާ ކަންކަން ނޫން ކަމަށް ޑރ. ނުސްރާ ވިދާޅުވިއެވެ.

މިސާލަކަށް ބައިގެންދިއުން، ދަރިފުޅު ދުވަސްނުފުރާ ވިހަން ޖެހުން، ނޫނިއްޔާ ދަރިފުޅު އައިބެއް ހުރުން، މިސާލަކަށް ބައެއް ބަލިތައް އެބަހުރޭ އިނގޭތޯ ކަނޑައެޅިގެން އަޅުގަނޑުމެންނަށް އެނގޭ ބައްޔެއް. ވައިރަސް މަންމައަށް ޖެހިއްޖެއްޔާ ދަރިފުޅަށް އައިބުތައް އަންނާނެ ބަނޑުގައި އޮންނައިރު. ނަމަވެސް ކޮވިޑަކީ އެކަހަލަ ބައްޔެއް ނޫންކަން އަޅުގަނޑުމެން ފާހަގަކޮށްލަން. ދަރިފުޅަށް އިތުރު ކޮންޕްލިކޭޝަންސްތައް ދިމާވުމުގެ ފުރުސަތު ކުޑަ.
ޑރ. އައިމިނަތު ނުސްރާ

ކޮވިޝީލްޑްގެ ވެކްސިން ފުރަތަމަ ޑޯޒް ޖެހިފަހުން މާބަނޑުވިކަން އެނގުމުން ކަންތައް ކުރާނީ ކިހިނެތް؟

މިއީ މިހާރު އާއްމުންގެ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ. މާބަނޑު މީހުންގެ ގަޔަށް ފައިޒާ ވެކްސިން ޖެހި ނަމަވެސް ކޮވިޝީލްޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިފަހުން ބަނޑުބޮޑުވިކަން އެނގުނު މީހުން މަދެއް ނޫނެއެވެ. އެހެންކަމުން ފުރަތަމަ ޑޯޒާއެކު އެމީހުން ތިބީ އަދިވެސް ވެކްސިން ނުޖަހައެވެ. އެފަދަ މީހުންނާ މެދު އަމަލުކުރާނެ ގޮތަކާ މެދު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރުން ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި ވަކި ގޮތެއް ނިންމުމާއެކު އެކަން އާއްމުކޮށް އިއުލާން ކުރާނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ޑރ. ނުސްރާ ވިދާޅުވާ ގޮތުގައި ފުރަތަމަ ޑޯޒާއެކު ވެސް ދިފާއީ ނިޒާމު މަސައްކަތް ކުރަން ފަށާނެއެވެ. އެއީ މައިމީހާއާއި ބަނޑުގައި އޮންނަ ދަރިފުޅަށް އެކަމުގެ ނޭދެވޭ އަސަރެއް ކުރިމަތިވާނެ ކަމެއް ނޫނެއެވެ.

މަންމައިންނަށް ފައިޒާ ދޭއިރުގައި ކޮވިޝީޑް ޖެހިފައި ހުންނަ މަންމައަކަށް ހިތުގައި ބިރުވެރިކަމެއް ވެސް އުފެދިދާނެ. ކިހިނެތްބާއޭ ވާނީ. އެކަމަކު މިވެސް ރައްކާތެރި ވެކްސިނެއްގެ ގޮތުގައި ބެލިފައި ހުރި ވެކްސިނެއް. ވެކްސިން ޖެހިފައި ހުރުމަކުން ނޫނީއްޔާ ބަލިވެއިންކަން ނޭނގި ހުއްޓާ ވެކްސިން ޖެހިފައި ހުރެގެން ބޭބީއަކަށް އޭގެ މައްސަލައެއް ދިމާވާނެ ކަމަކަށް ފާހަގައެއް ނުކުރެވޭ. އެންމެ ޑޯޒެއް ދިފައި ހުއްޓަސް ދިފާއީ ނިޒާމުގައި މަސައްކަތް ކުރަން ފަށާނެ.
ޑރ. އައިމިނަތު ނުސްރާ

ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު މަސައްކަތަކީ ވެކްސިން ޖެހުމެއެވެ. އެހެންކަމުން މާބަނޑު މީހުން ވެސް ވެކްސިން ޖަހަން ޖެހެއެވެ. މާބަނޑު މީހުންނަށް ފައިޒާ ވެންސިން ޚާއްސަކޮށްފައިވާއިރު، މި ވެކްސިނަކީ ރައްކާތެރިކަމުގެ ޔަގީން ދީފައިވާ ވެކްސިނަކަށްވާތީ ދުނިޔޭގެ އެކި ހިސާބުތަކުގައި މާބަނޑު މީހުންނަށް މި ވެކްސިން ޖެހުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެހެން ވެކްސިންތަކެކޭ ވެސް އެއްގޮތަށް މިވެކްސިންއާއެކު ވެސް ސައިޑްއިފެކްޓްސް ފެންނާނެއެވެ. ނަމަވެސް އެއީ ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ނޫނެއެވެ. އާންމު ގޮތެއްގައި މާބަނޑު މީހުންގެ ވެސް ވެކްސިން ޖެހުމުން ފެންނަ ސައިޑްއިފެކްޓްސްތަކަކީ ވެކްސިން ޖަހާ ފުރަތަމަ ހަފްތާ ތެރޭގައި އާދަޔާ ހިލާފަށް ވަރުބަލިވުމާއި، ހުމުގެ އަސަރު ހުރުމާއި ބޮލުގައި ރިއްސުން ފަދަ އަލާމާތްތަކެވެ. އަދި ބައެއް ހާލަތްތަކުގައި ވެކްސިން ޖަހާތަން ދުޅަވެ ތަދު ހުރުން އެކަށީގެން ވެސް ވެއެވެ.

ކޮވިޑް-19އާ ގުޅިގެން މާބަނޑު މީހުން ހަރބަލް ޕްރޮޑަކްޓް ބޭނުންކުރުމަކީ ކޮން ކަހަލަ ކަމެއް؟

ހަރބަލް ޕްރޮޑަކްޓްތައް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރަށް ދައްކާ ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ޖެހެއެވެ. މާބަނޑު ދުވަސްވަރު އެހެނިހެން ބޭސްތައް ވެސް ބޭނުންކުރަމުންދާއިރު، ބަންދުކޮށްފައި ހުންނަ ހަރބަލް ޕްރޮޑަކްޓް ބޭނުން ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.

ނަމަވެސް އާންމުގޮތެއްގައި ގޭގައި އަރިދަފުސް ރޯގާއިން ސަލާމަތްވުމަށް ބޭނުންކުރާ މާމުއި ނުވަތަ ލުނބޯފަދަ އެއްޗެހި ބޭނުން ކުރުމަކީ ސިއްހަތަށް އެކަމުގެ ފައިދާ ކުރާނެ ކަމެކެވެ. ނަމަވެސް މިއީ ކޮވިޑް-19ން ވަކި ރައްކާތެރި ކޮށްދޭނެ ކަމެއް ނޫނެއެވެ. ކޮވިޑް-19ން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހެއެވެ.

ދުވަސްނުފުރާ ދަރިފުޅު ނަގާނީ ކީއްވެ؟

ކޮވިޑް-19ށް ޕޮޒިޓިވްވެ ހާލަތު ގޯސްވުމުން ދުވަސްނުފުނެރީސް ދަރިފުޅު ބަނޑުން ނަގައެވެ. މިގޮތަށް އަމަލުކުރަނީ އެއްވެސް ގޮތެއް ނެތުމުން ވަރަށް ގިނަ ޑޮކްޓަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހުއެވެ. ރާއްޖޭގައި ވެސް މިފަދަ ހާދިސާތައް މަދުން ނަމަވެސް ދަނީ ހިނގަމުންނެވެ.

މިފަދަ ކޭސްތަކާ ގުޅިގެން ޑރ. ނުސްރާ ވިދާޅުވީ މައިމީހާގެ ހާލަތު ގޯސްވެ އައިސީޔޫއަށް ނުވަތަ ވެންޓިލޭޓަރަށް ލާން ޖެހޭ ހިސާބުން ދަރިފުޅުގެ ހާލަތަށް ބެލުމަށްފަހު ދުވަސް ނުފުރުނުކަމުގައި ވީނަމަވެސް ދަރިފުޅު ނަގާނެ ކަމަށެވެ. ނަމަވެސް މިގޮތަށް އަމަލުކުރަނީ ދަރިފުޅުގެ އުމުރު ސޭފް ސްޓޭޖަށް އައިސްފައިވާނަމަ ކަމަށް ޑރ. ނުސްރާ ވިދާޅުވިއެވެ. އަދި ސީރިއަސް ހާލަތުގަ ސީދާ މަންމައާއި ދަރިފުޅުގެ ހާލަތަށް ބެލުމަށްފަހު ފަރުވާ ދޭނީތޯ ނުވަތަ ސިޒޭރިއަންއަކަށް ދާނީތޯ ނިންމާނީ ޑޮކްޓަރުންގެ ޓީމަކުން މަޝްވަރާ ކުރުމަށްފަހުގައިކަން ފާހަގަކުރެއްވިއެވެ.

ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއް

ޑިއު ޑޭޓަށްވުރެ އަވަހަށް ވިހާ މައްސަލަ ވެސް ބައެއް މީހުން ކޮވިޑް-19އާ ގުޅުވައެވެ. ނަމަވެސް 37 ހަފްތާއާއި 40 ހަފްތާއާ ދެތެރޭގައި ވިހައިފިނަމަ އޭއީ ދުވަސްނުފުރާ ވިހެއި ކުއްޖެއް ކަމަށް ނުބެލެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މިއީ ކަލްކިއުލޭޝަން ކަމަށްކަށްވާއިރު، ސީދާ ކޮވިޑް-19އާ ގުޅުން ހުރި ކަމެއް ނޫނެއެވެ.

ކޮވިޑް-19އަކީ ވަކިން ޚާއްސަކޮށް މާބަނޑު މީހުންނަށް ނުރައްކާތެރި ބައްޔެއް ނޫނެއެވެ. ނަމަވެސް މާބަނޑު މީހުންގެ ހިތްނުތަނަވަސްކުރުވާ ބީދައިން ވާހަކަތައް ފެތުރުމަކީ އެކަމުގެ ނެދެވޭ އަސަރު މައިމީހާއާއި ދަރިފުޅަށް ކުރާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު މައިމީހާގެ ހިތްއުފާކުރުވުމާއި މާޔޫސްވާ އެންމެހައި ކަންކަމުން ދުރުކޮށްދޭން ޖެހޭއިރު، މިފަދަ ކަންކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވާންޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
100%
0%
0%
0%
0%
0%
ކޮމެންޓް