ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހާގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފިއެވެ.
ޔާމީން މަރާލި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އޭނާ އުޅެމުން ގެންދިޔަ ގެ ކައިރީގައި އުޅެމުން ދިޔަ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އޭނާ ހައްޔަރު ކުރުމަށްފަހު، ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފަ އެވެ. އަފްސާނާގެއަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ ގެއެކެވެ.
އަފްސާނާގެ ބަލައިފާސްކުރީ ދިފްރާނު އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގައެވެ. ފުލުހުން ވަނީ އެ ގެ ބަލައިފާސްކުރުމަށް ފަހު ބައެއް ތަކެތި ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ތޮއްޕެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދިފްރާން ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ، ޔާމީން ރަޝީދުގެ ފަހަތުން ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާގޭތެރެއަށް ޔާމީން ވަނުމުން، އޭނާ ހިފަހައްްޓައި އޭނާ އަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން، ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
ޔާމީންގެ މަރުގެ މައްސަލާގައި އިތުރު ހަ މީހަކު ފުލުހުންވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެ އެންމެންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޔާމިން ރަޝީދުގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ސީދާ އޭނާ މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވި ކަމަށް ބަލެވޭ ދެމީހަކު ވެސް ހައްޔރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޔާމީންގެ މަރުގެ ތަހްގީގަށް ހުރަސް އެޅޭ ގޮތަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް އަލީ ޝާހް ވަނީ ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ހައްޔަރުކުރި މީހުންގެ ވަކީލެވެ.
ޔާމީން މަރާލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅެމުން ގެންދިޔަ ގޭގެ ސިޑިގޮޅީގައި ދިން ރަހުމު ކުޑަ ހަމަލާތަކެއްގައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ތަހުގީގަށް މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއެކު ޔާމީންގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތެވެ.