ކ. މާލެ
|
16 މެއި 2017 | އަންގާރަ 01:03
ޤާސިމް އިބްރާހީމް: މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައި
ޤާސިމް އިބްރާހީމް: މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައި
މުހައްމަދު ޝަރުހާން
ޤާސިމްގެ ޤާނޫނީ ވަކީލު
މިހާރު ކޯޓުގައި އޮތް ޤާސިމްގެ މައްސަލަވެސް ޕީޖީން އަންބުރާ ގެންދަން ޖެހޭ:ސަމީމް
މިހާރު ކުރިއަށްގެންދަނީވެސް އެއްކަހަލަ މައްސަލައެއް.
އެމައްސަލައިގާވެސް ފޮނުވާލި މައްސަލައިގާ އޮތްކަމަށް ބުނާ ހެކިނޯން ހެއްކެތް ނެތް
އެހެންވީމާ އެމައްސަލަވެސް އަނބުރާ ގެންދަން ޖެހޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާމެދު ކުރެވޭ ދައުވާގައި މިހާރު ޝަރީައަތުގައި ކުރިއަށް ގެންދާ މައްސަލަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އަނބުރާ ގެންދަވަން ޖެހޭ ކަމަށް ޤާސިމްގެ ޤާނޫނީ ވަކީލް ހުސައިން ސަމީމް ވިދާޅުވެއްޖެއެވެ.

ސަމީމް މިހެން ވިދާޅުވީ ޤާސިމްގެ ދެވަނަ މައްސަލައިގާ ދައުވާ ކުރެވެން ނެތްކަމަށް ޕީޖީން ނިންމި ނިންމުމާ ގުޅޭގޮތުން ރާއްޖެ ޓީވީގެ 60 މިނިޓް ތެރޭގައި ވާހަކަ ދައްކަވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ މައްޗަށް ދެވަނަ ފަހަރަށް ވެސް ތުހުމަތުކޮށްފައިވާ ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރަން ޕީޖީއިން ވަނީ ނިންމާފައެވެ.

އެ މައްސަލައާމެދު ޕީޖީން ނިންމި ގޮތެއް ސާފު ކުރުމަށް ގާސިމްގެ ވަކީލުން އެދުމުން ޕީޖީން ޤާސިމްގެ ވަކީލު އަހުމަދު ޝަފީގަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެއޮފީހަށް ހުށަހެޅުނު ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއި އެކުކަމަށް 2017 އޭޕްރީލް 10 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މެންބަރުންގެ ސޮއި ހޯދުމަށް ޤާސިމް އިބްރާހީމް މަޖިލީހުގެ އެކިއެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވައި ޤާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ ޤާސިމް އިބްރާހީމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ނުފެންނާތީ އެމައްސަލައިގާ ދައުވާ ނުކުރުމަށް ނިންމައި އެމައްސަލަ ވަނީ މިމަހުގެ 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލާފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސަމީމް ވިދާޅުވީ އެމައްސަލައިގާ ދައުވާ ކުރެވެން ނެތިގެން އަނބުރާ ފޮނުވާލިއިރު މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޤާސިމްގެ މައްސަލައަކީވެސް ހަމަ އެމައްސަލަ ކަމަށެވެ. ހެކީގެ ގޮތުގައިވެސް ހުށަހަޅާފައި ވަނީ ޤާސިމް ކުނޫޒްގައި ދެއްކެވި ވާހަކައިގެ ވީޑިއޯ އެކަނިކަމަށް ސަމީމް ވިދާޅުވިއެވެ.

ސަމީމް ވިދާޅުވީ ޖިނާއީ ދައުވާއެއް ކުރެވޭވަރުގެ ހެއްކެތް ނެތިގެން ޕީޖީން ފުލުސް އޮފީހަށް އަނބުރާ ފޮނުވާލި މައްސަލައިގާވެސް ހެއްކެތްގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލައިގާވެސް ހެއްކެތްގެ ގޮތުގައި ހުށަހަޅާފައިވާ ކުނޫޒްގައި ޤާސިމް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ކަމަށެވެ.

ސަމީމް ވިދާޅުވީ އެއްކަހަލަ ދެމައްސަލައެއްގައި އަދި އެދެމައްސަލައިގާ އެއް ހެއްކެތް ހުށަހަޅާފައިވާއިރު އޭގެތެރެއިން އެއްމަސަލަ ދައުވާ ކުރެވެން ނެތްކަމަށް ނިންމެވުމުން އަނެއް މައްސަލަވެސް އަނބުރާ ގެންދަވަން ޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން މިހާރު ޤާސިމްއާމެދު ކޯޓުގައި ހިނގަމުންދާ މައްސަލައާމެދު ޕީޖީން އަލުން ވިސްނަވާ އެމައްސަލަވެސް އަނބުރާ ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ސަމީމް ވިދާޅުވިއެވެ.

ސަމީމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ޤާސިމްގެ ލޯޔަރުން ކަންކުރައްވާނެ ގޮތަކާމެދު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

- ކޮމެންޓް