Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 23:05
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް
ރާއްޖެ އެމްވީ
ޤާސިމަށް ކުރާ ދައުވާތައް
ޤާސިމްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ އަނބުރާ ފޮނުވާލައިފި
ޤާސިމްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ އެކަށިގެންވާ މިންވަރަށް ހެކި ނެތުމުން
ދައުވާ ނުކުރަން ނިންމާ މައްސަލަ އަނބުރާ ފޮނުވާލިކަން ޤާސިމްގެ ޤާނޫނީ ވަކީލުންނަށްވެސް ވަނީ އަންގަވާފައި
ދައުވާ ނުކުރުމަށް ނިންމީ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނުކަމަށް ބުނާ މައްސަލާގައި

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ މައްޗަށް ދެވަނަ ފަހަރަށް ވެސް ތުހުމަތުކޮށްފައިވާ ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރަން ޕީޖީއިން ނިންމައިފިއެވެ.

 

އެކަން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޤާސިމްގެ ޤާނޫނީ ވަކީލުންގެ ޓީމަށްވެސް އަންގާފައެވެ. ޤާސިމްގެ ޤާނޫނީ ވަކީލް ހިސާން ހުސައިންވެސް ވަނީ ރާއްޖެ އެމްވީއަށް އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

 

އެ މައްސަލައާމެދު ޕީޖީން ނިންމި ގޮތެއް ސާފު ކުރުމަށް ގާސިމްގެ ވަކީލުން އެދުމުން ޕީޖީން ޤާސިމްގެ ވަކީލު އަހުމަދު ޝަފީގަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވަނީ އެކަށިގެންވާ ހެކި ނެތުމުން ކަމަށެވެ. އަދި ދައުވާ ނުކުރަން ނިންމާ މިމަހުގެ 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެ މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ޕީޖީންވަނީ ބުނެފައެވެ.

އެގޮތުން އެސިޓީގައި ބުނެފައިވަނީ އެއޮފީހަށް ހުށަހެޅުނު ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއި އެކުކަމަށް 2017 އޭޕްރީލް 10 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މެންބަރުންގެ ސޮއި ހޯދުމަށް ޤާސިމް އިބްރާހީމް މަޖިލީހުގެ އެކިއެކި މެންބަރުންނަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވައި ޤާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގާ ޤާސިމް އިބްރާހީމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭވަރަށް ހެއްކާއި ޤަރީނާ ހުރިކަމަށް ނުފެންނާތީ އެމައްސަލައިގާ ދައުވާ ނުކުރުމަށް ނިންމައި އެމައްސަލަ ވަނީ މިމަހުގެ 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލާފައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް