ކ. މާލެ
|
6 ޖުލައި 2021 | އަންގާރަ 07:22
ފަތުރުވެރިކަމުގެ ރަންޔޫބީލް ލޯގޯ ހިމަނައިގެން ބެލްޖިއަމްގައި ތައާރަފްކުރި ސްޓޭމްޕް
ފަތުރުވެރިކަމުގެ ރަންޔޫބީލް ލޯގޯ ހިމަނައިގެން ބެލްޖިއަމްގައި ތައާރަފްކުރި ސްޓޭމްޕް
މިނިސްޓްރީ އޮފް ޓޫރިޒަމް
ބެލްޖިއަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސްޓޭމްޕެއ
ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބެލްޖިއަމްގައި ސްޓޭމްޕެއް ތައާރަފްކޮށްފި
ބެނެލުކްސްގެ ގައުމުތަކުގައި ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްރތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން
ސްޓޭމްޕް ޑިޒައިންކޮށްފައި ވަނީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިފްތިތާހުކޮށްފައިވާ ލޯގޯ ހިމަނައިގެން
ސްޓޭމްޕް ލޯންޗުކޮށްދެއްވާފައި ވަނީ ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރަންޔޫބީލްގެ ލޯގޯ ހިމަނައިގެން ބެލްޖިއަމްގައި ސްޓޭމްޕެއް ތައާރަފްކޮށްފިއެވެ.

މި ސްޓޭމްޕް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްޓޭމްޕް ލޯންޗުކޮށްދެއްވާފައި ވަނީ ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރުއެވެ. ސްޓޭމްޕް ލޯންޗުކޮށްދެއްވާ ވާހަކަދައްކަވަމުން ސަފީރު ވަނީ ބެލްޖިއަމް ހިމެނޭހެން ބެނެލުކްސްގެ ގައުމުތަކުގައި ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އަލަށް ތައާރަފުކުރެވިގެން މި ދިޔަ ސްޓޭމްޕަކީ މީގެ ތެރެއިން އެއް މަސައްކަތް ކަމަށް ވިދާޅުވެފައެވެ.

ބެނަލުކްސް އަކީ ބެލްޖިއަމް، ނެދަރލޭންސް އަދި ލަގްޒަމްބަރގް ހިމެނޭހެން އުފައްދާފައިވާ އިންޓަނޭޝަނަލް އިންޓަރގަވަމެންޓަލް ކޯޕަރޭޝަނެކެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންފައިވާއިރު، މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބިލް ފާހަގަކުރުން ފެށުމަށް މިފަދަ ކަމެއް ބެލްޖިއަމްގެ އެމްބަސީން އިސްނަގައިގެން ކުރުމުން އެކަމާ ވަރަށް އުފާކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މި ސްޓޭމްޕާއެކު އެސަރަހައްދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވަނީ ސްޓޭމްޕާއެކު ލިބިގެންދާ މަގުބޫލުކަމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އެސަރަހައްދުގައި އިތުރަށް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިފްތިތާހުކޮށްފައިވާ ލޯގޯ ހިމަނައިގެން ޑިޒައިންކޮށް ތައާރަފުކޮށްފައިވާ ސްޓޭމްޕް ލޯންޗުކުރުމަށް ބޭއްވި ހާއްސަ ހްފާލަގައި މިނިސްޓަރ މައުސޫމާއި ސަފީރު ހަސަން ސޯބިރު އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބުގެ އިތުރުން ބެނަލުކްސް - މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް ޖެރާޑް ހުއިޓިން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އެމްޑީ އަހްމަދު ޝަފީގު މުހައްމަދުގެ އިތުރުން ސިނާއަތާއި މިނިސްޓްރީގެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް