Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 21:30
މެންބަރު ސައުދުﷲ ހިލްމީ
މެންބަރު ސައުދުﷲ ހިލްމީ
ގޫގުލް
ކައުންސިލް އިންތިހާބު
ޕީޕީއެމަށް ތިނަދޫން ކާމިޔާބު ނުލިބުނީ ޕާޓީ ތެރޭގައި ކަންކަން ހުރިގޮތުން: ސައުދުﷲ
ސައުދު ޓްވީޓަކުން މެސެޖް ދެއްވާފައި މިވަނީ ކައުންސިލް އިންތިޚާބުގައި ސަރުކާރު ބަލިވެފައިވަނިކޮށް
ތިނަދޫގެ 5 ގޮނޑިއާއި އަތޮޅު ކައުންސިލްގެ ދެގޮނޑިވެސް ނެގީ އެމްޑީޕީ
ސައުދު ވިދާޅުވީ ޓްވީޓަކީ އިންތިޚާބުގެ ނަތީޖާއަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއް ކަމަށް

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕީޕީއެމަށް އެހާބޮޑު ބައްޔަކާ ކުރިމަތިލާން ޖެހުނީ ޕާޓީތެރޭގައި ކަންކަން ހުރިގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ. 

 

ސައުދު މިހެން ވިދާޅުވީ ނުސީދާކޮށް ސަރުކާރަށް ނިސްބަތްވާ ގޮތައް ކުރެއްވި ޓްވީޓަކާ ގުޅިގެން ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

 

ޓްވީޓަކުން ދެއްވި އެ މެސެޖްގައި ސައުދު ވިދާޅުވެފައިވަނީ އަސްލު ތަކެތި ބާކީކޮށްފައި ފޭކް ތަކެތި ބޭނުން ކުރުމުން ގިނަ ފަހަރަށް ލިބޭނީ ގެއްލުން ކަމަށާއި އެއީ ދުނިޔޭގެ ހަގީގަތް ކަމަށެވެ.

 



އެ ޓްވީޓާއި ގުޅިގެން ރާއްޖެ އެމްވީން ސުވާލު ކުރުމުން ސައުދު ވިދާޅުވީ އެޓްވީޓަކީ ނިމިގެންދިޔަ އިންތިޚާބުގައި ސަރުކާރަށް ތިނަދޫން ލިބުނު ނާކާމިޔާބީއަށްވެސް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއް ކަމަށެވެ. ސައުދު ވިދާޅުވީ އެއިންތިޚާބުގައި ޕީޕީއެމަށް އެވަރުގެ ނާކާމިޔާބީއަކާ ކުރިމަތިވެފައިވަނީ ޕާޓީ ތެރޭގައި ކަންކަން ހުރިގޮތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދަކީ ރައީސް މައުމޫނަށް އަބަދުވެސް ތާއީދު ކުރައްވާ އެމަނިކުފާނަށް ލޯޔަލް ބޭފުޅެކެވެ. އަދި ޕީޕީއެމް ދެކަފިވި ވަގުތު ރައީސް މައުމޫން ފަޅީގައި ކުރިން ހުންނެވި ކަމަށްވެސް އަޑު ފެތުރުނު މެންބަރެކެވެ. ނަމަވެސް އިދިކޮޅު ހަރަކާތްތަކުން މިހާތަނަކަށް ސައުދު ފެނިފައެއް ނުވެއެވެ.



ކައުންސިލު އިންތިހާބުގައި ތިނަދޫގެ ފަސް ގޮނޑިއާއި އަތޮޅު ކައުންސިލުގެ ދެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަތޮޅު ކައުންސިލުގެ ދެ ގޮނޑިއާއެކު މުޅި ތިނަދޫ ކައުންސިލު މިހާރު ވެސް އޮތީ އެމްޑީޕީއަށެވެ. ނަމަވެސް ޕީޕިއެމްގެ އިސްފަރާތްތަކުން ތިބީ މިފަހަރުގެ އިންތިހާބުގައި އެކަމަށް ނިމުން އަންނާނެ ކަމަށް ގަބޫލުކޮށްގެންނެވެ.

 

ތިނަދޫ އަކީ މި ސަރުކާރުން އެއް ރަށަކަށް އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެއް ރަށެވެ. އަދި ނައިބު ރައީސް ޢަބްދުﷲ ޖިހާދު ކޮންމެ ހަފުތާ ބަންދެއްގައި ވަޑައިގެން ވަރަށް ބޮޑަށް ކެމްޕެއިން ކުރެއްވި ރަށެކެވެ.
.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް