ކައުންސިލްތަކުގެ އިންތިހާބުގެ ކަންކަން ރޭވިފައިވާގޮތަށް ކުރިއަށްދާނަމަ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުގައި ކައުންސިލްތައް ހުވާކުރުން އޮންނާނެ ކަމަށް އެލްޖީއޭ އިން ބުނެފި އެވެ.
ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ލޯކަލް ގަވާންމެންޓް އޮތޯރިޓީ )އެލްޖީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފު އަހްމަދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވުނު ކައުންސިލަރުން ހުވާކުރުމަށް ކަނޑައެޅިފައިވަނީ ޖޫން ތިން ވަނަ ދުވަސް ކަމަށެވެ. ކައުންސިލްތައް ހުވާކުރުމުގެ މަސައްކަތުގެ ދަށުން އެލްޖީއޭ އިން މިހާރު ކުރިއަށްދަނީ، ހުވާކުރުމަށްޓަކާއި ރަށްރަށުގައި މެޖިސްޓްރޭޓުން ނެތް ކައުންސިލްތައް ދެނެގަތުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލަރުން ހުވާކުރަން ބަލާ އިރު ހުރިހާ ރަށެއްގައި މެޖިސްޓްރޭޓުންނެތް ނުތިބޭ. އެހެން ކަމުން އެއްވަގުތެއްގައި ހުރިހާ ކައުންސިލަރުން ހުވާނުކުރެވޭނެ." އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަފީރު ވިދާޅުވީ، ކައުންސިލަރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ އެއް ދުވަހެއްގައި ކަމަށާއި ވަރަށް އަވަހަށް ހުވާކުރުމަށްޓަކާއި މެޖިސްޓްރޭޓުން ބޭނުންވާ ކައުންސިލްތައް ދެނެގަނެވި، މެޖިސްޓްރޭޓުން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތް ރާއްވާނެ ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ، ކައުންސިލްތަކަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކާއި ކައުންސިލަރުންގެ މަސައްކަތްތަކަށް އަހުލުވެރިކުރުމުގެ މަސައްކަތް އެލްޖީއޭ އިން ކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި ކައުންސިލަރުންނަށް މިކަންކަން އަންގާދިނުމަށްޓަކާއި ޚާއްސަ އޮންލައިން ސިސްޓަމެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް ކައުންސިލްތަކަށް ހޮވިފައިވާ ކައުންސިލަރުންނަށް މިހާރުވެސް ކައުންސިލްގެ މަސައްކަތްތައް އޮބްޒާވު ކުރުމަށްޓަކާއި ކައުންސިލް ބައްދަލުވުންތަކަށް ވަޑާއިގަނެވޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިހާރު ތިބި ކައުންސިލް މެންބަރުންނަށް ކުރިން ކަނޑައަޅާފައިވާ ކަންކަން ނޫން އިތުރު އެއްވެސް ކަމެއް ނުނިންމޭނެ ކަމަށާއި އެހެން ނަމަވެސް ކުރިން ފައިސާ ހަމަޖައްސާއިގެން ކުރަމުންދާ މަސައްކަތްތައް ކައުންސިލްތަކަށް ކުރެއްވޭނެ ކަމަށެވެ.
މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރަށު ކައުންސިލަށް 563 ކައުންސިލަރުންނާއި 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުންނާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލަށް 23 ކައުންސިލަރުންނެވެ.