ސްޕެއިންގެ ގައުމީ އެއަރލައިން "އައިބީރިއާ" އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
އައިބީރީއާގެ ފުރަތަމަ ފްލައިޓް ޖުލައި 3 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވާއިރު، މުޅިން އަލަށް އައިބީރީއާ އެއަރލައިނުން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި 218 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިއާއެކު ރާއްޖެ ވެގެން ގޮސްފައި މިވަނީ އައިބީރިއާ އިން ދަތުރުތައް ކުރާ އިންޑިއާ ކަނޑުގެ ހަމައެކަނި މަންޒިލަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގުމާ ހަވާލުވެފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތުދޭ ގޮތުގައި އައިބީރިއާ އިން ރާއްޖެއަށް ދަތުރުކުރުމަށް ބޭނުން ކުރާނީ އެއަރބަސް A330-300 އަދި A330-200 މަރުކާގެ އެއަރ ކްރާފްޓެވެ. މިއެއަރ ކްރާފްޓުތަކުގައި އިކޮނޮމީ, ޕްރީމިއަމް އިކޮނޮމީ އަދި ބިޒްނަސް ކްލާހުގެ ކެބިންތައް ހުރެއެވެ.
އެމްއޭސީއެލް އިން މައުލޫމާތުދޭ ގޮތުގައި އޯގަސްޓް މަސް ނިމުމާ ހަމައަށް އައިބީރިއާއިން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރާނެެވެ. އެގޮތުން ހޯމަ, ބުދަ އަދި ހުކުރު ދުވަހު އައިބީރިއާގެ ފްލައިޓްތައް ރާއްޖެއަށް އަންނާނެއެވެ.
އައިބީރިއާއިން ބުނެފައިވަނީ ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުކުރަން ލިބުން އެއީ އެ އެއަރލައިނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ރާއްޖެއަކީ ކޮވިޑް-19ގެ މިހާލަތުގައި ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އައިބީރިއާ އެއަރލައިންގެ އެގްޒެކެޓިވް ޗެއަރމަން ހޭވިއަރ ސަންޗޭޒް ޕްރިއެޓޯ ވަނީ ރާއްޖެއަށް އެއަރލައިންގެ ދަތުރުތައް ފެށުމުން ދައްކައިދެނީ މިހާލަތުގައި ވެސް އައިބީރިއާއިން އާ މަރކެޓްތަކަށް ދަތުރުތައް ފަށައި ޓޫރިޒަމް ސެކްޓަރ ކުރިއަރުވަން ކުރާ މަސައްކަތް ކަމަށް ފާހަގަކުރައްވާފައެވެ.
އައިބީރިއާ އެއަރލައިންސްގެ ދަތުރުތައް ފެށުމުން ސްޕެއިންގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެއެވެ.