އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ އެތައް ބިލިއަން ރުފިޔާ އަކަށް ޚިޔާނާތްތެރިވި މައްސަލައިގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމު ކުރާނީ އެ މައްސަލާގައި ދައުވާ ކުރުމަށް މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ މިހާރު އެ މައްސަލަ ވަނީ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާގައި ކަމަށެވެ. އަދި އެ މަރުހަލާގެ ބޭނުމަކީ އޭސީސީ އިން ކޮށްފައިވާ ތަހުގީގު އެންމެ ފުރިހަމަ ތަފްސީލް ޕީޖީ އޮފީހަށް ދިނުން ކަމަށާއި އޭގެ ސަބަބުން މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވަން ނުޖެހޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.
ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާ ލަސްވަމުންދާ ސަބަބާ ބެހޭ ގޮތުން ސުވާލު ކުރުމުން ލުތުފީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ވަރަށް ބޮޑު ތަހުގީގެއް ކަމަށާއި އެހެން ކަމުން ކަރުދާހުގައިވާ މައުލޫމާތުތަކުގެ އިތުރަށް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ޕީޖީ އޮފީހަށް އޭސީސީ އިން ހިއްސާ ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ޕީޖީ އޮފީހަށް މައްސަލައިގެ ތެރެއަށް ވަނުމަށް ފަސޭހަވެގެންދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާ ނިމުމުން މައްސަލަ ޝަރީޢަޔަށް ފޮނުވި ތަހުގީގު ރިޕޯޓް ދައުލަތުގެ އެހެން މުއައްސަސާތަކަށް ފޮނުވުމަށް ފަހު ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނެ ކަމަށެވެ. ނަމަވެސް ވަކި ދުވަހެއް ލުތުފީ ވިދާޅެއް ނުވެއެވެ.
އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވަނީ އޭޕްރީލް މަހުގެ ތެރޭގައި ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެގޮތަށް 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެ ރިޕޯޓްވަރަށް އަވަހަށް ނެރޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުން ހާމަވި އެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކި ފަރާތްތަކުން ބުނެފައި ވެއެވެ
ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.