އޮބްޒާވިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެއިން ދެ ގަޑި އިރަށް ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ، މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ، އޮބްޒާވިން ސިސްޓަމަށް ދިމާވި މައްސަލަތަކާ ގުޅިގެންނެވެ. ހެނދުނު 9:50 ހާއިރު ކަރަންޓް ކެނޑުމަށް ފަހު، އެނބުރު ކަރަންޓް ލިބުނީ ދެ ގަޑިއިރު ފަހުންނެވެ.
މިފަހަކަށް އައިސް މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެއެވެ. މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފަ އެވެ. އެފަހަރު ކަރަންޓް ކެނޑިފައިވަނީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
މާޗު މަހުގެ 5 ވަނަ ދުވަހުވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ވަނީ ކެނޑިފަ އެވެ.
އެދުވަހު ގާތްގަނޑަކަށްމެންދުރު 13:00 އިން 16:00 އަށް ކަރަންޓް ކެނޑުމުން އާއްމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދުވަހު ވެސް ކަރަންޓާއެކު ފެން ކެނޑި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ބައެއް ސަރަހައްދުތަކަށް ޕްރެޝަރުގައި ފެން ލިބިފައެއް ނުވެއެވެ.
އެފަހަރު ސްޓެލްކޯއިން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔައީމާލެއަށް ފެނުގެ ހިދްމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީއަށް ކަރަންޓް ދިނުމަށް ވަގުތީ ގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ކޭބަލް ޝޯޓް ސާރކިޓް ވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ކަރަންޓް ކެނޑުނީ އެ ކުންފުނީގެ މައްސަލައަކުން ނޫން ކަމަށާއި އެވަގުތު އެފަދަ މެއިންޓެނަންސް މަސައްކަތެއް ވެސް ކުރަމުން ނުދާ ކަމަށެވެ.
ކަރަންޓް ކެނޑުމުގެ މިފަދަ މައްސަތައް ދިމާވަމުންދާ އިރު ސްޓެލްކޯ އިން މިހާރު ދަނީ އިންޖީނުގެ ތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން، މަހާސިންތާއެއް ފަށާފަ އެވެ. މިމަހުގެ 14 އިން 20 ވަނަ ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި ކަރަންޓްގެ ހިދުމަތް ފެންވަރު ރަގަޅު ކުރުމަށް އަޅާނެ ފިޔަވަޅު ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.