ފުލުހުންެގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެންމެ ހެއްކެއްގެ ހެކި ބަހަށް ކަމަށް މަހުލޫފްގެ ވަކީލުން ބުނުމުން އެ ވާހަކަތަށް ދައުލަތުން ދޮގުކޮށްފިއެވެ.
މާޗް، 2015 ގައި މާލޭގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކުރި ސަރަހައްދަކަށް ވަތްކަން ސާބިތުވެގެން މަހްލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް މަހްލޫފްގެ ފަރާތުން އިސްތިއުނާފް ކުރުމުން، ހޯމަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މަހުލޫފްގެ ވަކީލް ނާޒިމް އަބްދުއް ސައްތާރު ވިދާޅުވީ މަހްލޫފާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ކަމަށެވެ.
އެގޮތުން އިވުނު އަޑުގެ ހެކިބަހަކީ ވަކި ހާލަތްތަކެއްގައި ނޫނީ އިސްލާމީ ޝަރީއަތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫން ކަމަށާއި ދައުވާއެއް ސާބިތު ކުރަން ބޭނުން ނަމަ މަދުވެގެން ދެ ހެކިން ބޭނުންވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މަހުލޫފްއާ ދެކޮޅަށް ހެކިބަސް ދިނީ މަހްލޫފް ހައްޔަރު ކުރި ކަމަށް ބުނެ ފުލުހުންގެ ވޯކީ ޓޯކީން ވާހަކަ ދެއްކި އަޑު އިވުނު ދެ ފުލުހެކެވެ.
މަހުލޫފްގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލާ ވިދާޅުވީ މަހްލޫފާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ނޫން ކަމަށާއި އެ ހެކިވެރިޔާގެ ހެކިބަހަށް ބާރު ލިބޭ ގޮތަށް އިތުރު ދެ މީހަކު ވެސް ހެކިބަސް ދިން ކަމަށެވެ.
އެގޮތުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް މަހްލޫފް ވަތް ކަމަށް އެއް ފުލުހަކު ބުނާއިރު، ދެން ތިބި ދެ ފުލުހުންގެ ބަހުން ބަންދުކޮށްފައިވާ ސަރަހައްދުގައި މަހްލޫފް ހުއްޓައި ފެނުނު ކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
މަހުލޫފްގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާ އެ ހެކިންގެ ހެކި ބަސް ނަގައި މަހުލޫފްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކި ބަސް ނުގާފައި ނުވާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަހުލޫފްގެ ވަކީލް ވިދާޅުވީ މަހްލޫފްގެ ފަރާތުން ހުށަހެޅި އެއްވެސް ދިފާއީ ހެއްކެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން ނަގާފައި ނެތުމަކީ ބޭ އިންސާފުން ކުރި ކަމެއް ކމަށެވެ.
އެގޮތުން އޭގެ ސަބަބުން ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަފީ ކުރުމުގެ ފުރުސަތު މަހްލޫފަށް ގެއްލިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މަހުލޫފްގެ ވަކީލްގެ މި ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ ހެކިން ހާޒިރު ކުރުމާއި ނުކުރުމަކީ ކޯޓުތަކަށް އޮތް ބާރެއް ކަމަށެވެ.
ހަމައެހެންމެ ހެކިވެރިއަކު ހާޒިރު ނުކުރަން ނިންމި ސަބަބު ރަނގަޅު ނަމަ އެއީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ ދިފާއީ ހެކިން ހާޒިރު ކުރިޔަސް ދައުލަތުގެ ހެކިވެރިން ހެކިބަސް ނަފީ ނުކުރެވޭނެ ކަމަށް ކޯޓަށް ފެންނަ ނަމަ ދިފާއީ ހެކިން ހާޒިރު ނުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.
މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މަހުލޫފް ވަކީލް ނާޒިމް ވިދާޅުވީ ކުށުގެ އަދަބެއްގެ ގޮތުން މަހްލޫފް ހަ މަހަށް ޖަލަށްލުމަކީ ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލާ ޚިލާފަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ކަމެކެވެ.
އެގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ކުށެއް ސާބިތުވާ ކަމަށް ބުނެ، އަދަބު ކަނޑައެޅުމުގައި އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ މަތިކޮށް މަހްލޫފަށް ބޮޑު އަދަބެއް ކޯޓުން ކަނޑައެޅީ މި ހާދިސާ ހިނގި ފަހުން ކުރި ކަމަކާ ގުޅިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެގޮތުން މަހްލޫފް ބަންދުގައި ހުއްޓައި ފިލަން އުޅުނު ކަމަށް މަހްލޫފަށް ކުރި އެ ދައުވާ ސާބިތުވެގެން ހަތަރު މަހުގެ ޖަލު ހުކުމެއް މަހްލޫފަށް ކުރިން އައިސްފައި އޮތުމަކީ މި މައްސަލާގައި ބޮޑު އަދަބެއް މަހްލޫފަށް ދެވޭނެ ސަބަބެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ނާޒިމް ވިދާޅުވީ ކުށުގެ އަމަލު ހިންގާފައި ވަނީ މި މައްސަލަ އަށް ވުރެ ފަހުން ކަމަށް ވާތީ ކަމަށެވެ.
އެހެން ކަމުން މަހްލޫފްގެ ފަރާތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށް ނުވަތަ އޭނާގެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް ދިނުމަށެވެ.
މަހުލޫފްގެ ވަކީލްގެ އެ ވާހަކަތަކަށް ދައުލަތުން ޖަވާބުދާރީވަމުން ދަނިކޮށް، ހައި ކޯޓުގެ ރެކޯޑިން ސިސްޓަމް ޑައުންވުމުން މިއަދުގެ އަޑުއެހުން ވަނީ ހުއްޓާލައިފަ އެވެ. އަދި ޝަރީޢަތް އަވަސް ކޮށްދިނުމަށް މަހުލޫފްގެ ފަރާތުން އެދިފައިވާތީ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލައިގެ އަޑުއެހުމެއް މިހަފްތާ ތެރޭގައި ބާއްވާނެ ކަމަށެވެ.