ދެކަފި ވެފައިވާ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރަކު އިދިކޮޅު ޕާޓީއަކާ ގުޅުނު ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
ރާއްޖެ އެމްވީއަށްވެސް ވަނީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ދެމެންބަރަކު އެހެން ޕާޓީއަކާ ގުޅުނު ކަމުގެ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެއީ ކޮން ދެމެންބަރުންނެއް ކަމެއް އަދި ގުޅިވަޑައިގަތީ ކޮން ޕާޓީއަކާ ކަމެއް އެނގިފައެއް ނުވެއެވެ.
އިދިކޮޅު ޕާޓީއަކާ ޕީޕީއެމްގެ ދެމެންބަރަކު ގުޅުނު ކަމުގެ އަޑުތައް ފެތުރެން ފަށާފައި މިވަނީ އިދިކޮޅު ފަރާތްތަކުން ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަވެއްޖެ ކަމަށް ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ގިނަ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެ އިދިކޮޅު އެމްޑީޕީއަށް ގިނަގޮނޑިތައް ލިބިފައިވަނިކޮށް ރައީސް ޔާމީން މެންބަރުންނާ އެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ ޝަކުވާތައް މެންބަރުން ފުރަތަމަ ފަހަރަށް ރައީސް ޔާމީނަށް ހުށަހަޅުއްވާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ކާޑުގެ އަގު ބޮޑުވުމާއި ކަރަންޓުގެ އަގު ބޮޑުވުން ރައްޔިތުން ކަންބޮޑުވުމާއެކު ފާޅުކުރަމުންދާކަން ރައީސް ޔާމީނަށް އާދީއްތަ ދުވަހު ޕީޕީއެމްގެ މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ.
އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު ވިދާޅުވެފައިވާ ގޮތުގައި އެބައްދަލުވުން ނިންމަވާލައްވާ ރައީސް ޔާމީން އެނބުރި ވަޑައިގެންނެވިފަހުން މެންބަރުންގެ މެދުގައި ވަނީ ހޫނު ބަހުސްތަކެއް ހިނގާފައެވެ. އަދި ސަރުކާރާމެދު ނުރުހޭކަމާ އެމެންބަރުން ބޭނުން ކުރައްވައިގެން ކަންކުރައްވަމުންދާގޮތުން ނުރުހުން ފާޅުކޮށް ތަންކޮޅެއް ހަރުކޮށް ބަސް ވިދާޅުވެފައިވާކަމަށް އެމެންބަރު ވަނީ ވިދާޅުވެފައެވެ.