ހދ. ކުރިނބީ ކައުންސިލްގެ ނަތީޖާ އެއްވަރުކަމަށް ވަގުތީ ނަތީޖާއިން ދެއްކުމުން ދެވަނަ ބުރެއް ބާއްވަން ޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން ނިންމި ނަމަވެސް އަލުން ކުރިނބީ ފޮށި ގުނިއިރު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީ އިންތިޚާބު ކާމިޔާބުކުރި ކަމަށް ދައްކައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިނބީގައި ބެހެއްޓި ވޯޓު ފޮށި މިރޭ އިލެކްޝަންސް ކޮމިޝަނުން އަލުން ވަނީ ގުނާފައެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުންގެ ހާޒިރުގައި އެ ފޮށި ގުނިއިރު، ވަގުތީ ނަތީޖާ އިން އެއްވަރުވި ކަމަށް ދެއްކި ތިން ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީއަށް ވަނީ ވަގުތީ ނަތީޖާއިން ދައްކާ އަދަދަށްވުރެ އެއް ވޯޓު އިތުރަށް ލިބިފައެވެ.
އެއްވަރުވި އަނެއް ދެ ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަގުތީ ނަތީޖާއިން ދައްކާ އަދަދަށް ކަމަށް މިރޭ އަލުން ގުނުމަށްފަހު ނެރުނު ވަގުތީ ނަތީޖާ ޝީޓް ދައްކައެވެ.
އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރި ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޝާފީގެ އިތުރުން އެމްޑީޕީގެ އެހެން ކެންޑިޑޭޓެއް ކަމުގައިވާ އަހުމަދު މުޖުތަބާ އާއި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް އާސިފަށް ލިބިފައި ވަނީ 218 ވޯޓެވެ. އެހެންކަމުން އާދިއްތަ ދުވަހުގެރޭ އަލުން ކުރިބީ ފޮށި ގުނިއިރު، ޝާފީއަށް އިތުރަށް އެއްވޯޓު ލިބުމުން އެއަދަދު 219 އަށް އިތުރުވެފައިވާކަމަށް ދައްކައެވެ.
އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އަފްރާހަށްވެސް ކުރިނބީ ފޮށިން އިތުރަށް އެއްވޯޓު ލިބިފައިވާ ކަމަށް އާދިއްތަ ދުވަހުގެރޭ އަލުން ގުނާ ނެރުނު ނަތީޖާ ޝީޓުން ދައްކައެވެ.
އަފްރާހު އާއި ޝާފީގެ އިތުރުން ދެން ކުރިނބީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލް ފައްތާހު އަބޫބަކުރެވެ.