Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 22:48
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް
މުހައްމަދު ޝަރުހާން
މަޚުލޫފްގެ އިސްތިިއުނާފް
ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!
އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އަހަރުގެ ޖުލައި މަހު
އިސްތިއުނާފް ނުފަށަނީސް މިއަހަރުގެ ޖެނުއަރީގައި ހުކުމް ތަންފީޒްކޮށް ނިމިއްޖެ
އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހު މަޚުލޫފް މިނިވަން ވާނެ

ފުލުހުންެގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމުނުތާ، ހަތަރު މަހެއްހާ ދުވަސް ފަހުން އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

 

ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ މަޚުލޫފް ހަ މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އެ ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނިކޮށް، އިސްތިއުނާފު ޝަރީއަތް ނުފަށަނީސް މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހުކުމް ތަންފީޒްކޮށް ވަނީ ނިމިފަ އެވެ.

 

މަޚުލޫފްގެ އިސްތިއުނާފް ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިމަހުގެ 15 ދުވަހަށް ތާވަލުކޮށް، މަޚުލޫފްގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރަށް ހައިކޯޓުން ވަނީ އެކަން އަންގާފަ އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:15 އަށެވެ.

 

ނާޒިމް ވިދާޅުވެފައިވަނީ މަޚުލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒްކޮށް ނިމި މައްސަލައިގެ މުއާލާތް ކެނޑުނު ފަހުން އިސްތިއުނާފް އަޑުއެހުމެއް ތާވަލުކުރުމުން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އިސްތިއުނާފް އަޑުއެހުންތައް ނުފަށައިގެން އެތައް ފަހަރެއްގެ މަތިން ކޯޓަށް ސިޓީ ފޮނުވި ކަމަށާއި، އެހެންނަމަވެސް ހުކުމް ތަންފީޒްކޮށް ނިމުނުތާ އެތައް ދުވަހެއް ފަހުން އިސްތިއުނާފް ފެށުމަކީ މަޚުލޫފަށް ދިން އަނިޔާއެއް ކަމަށެވެ.

 

މަޚުލޫފްގެ މައްޗަށް ޖުމްލަ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، މިހާރު ތަންފީޒް ކުރައްވަމުން ގެންދަވަނީ ފުލުހުންގެ ދައުރަށް ދަތިކުރި ކަމަށް ބުނެ އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒްކޮށް ނިންމައި މަޚުލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް