ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރަކު މަޤާމުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސަރުކާރުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި އެ ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވަނީ އާދިއްތަ ދުވަހުގެ (މިއަދުގެ) ވަގުތެއްގަ އެވެ. އަދި އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ޤާނޫނު އަސާސީގައި މިހާރު ބުނެފައިވާގޮތުން ވަކި ސަބަބެއް ނެތް ނަމަވެސް، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށައަޅައި، ފާސްކުރެވޭނެ އެވެ. އެގޮތުން ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކުގައި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ހުށަހަޅައި، މުޅި މަޖިލީހުގެ ތަޅުމުން އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ ވަޒީރެއްގެ މަޤާމް ގެއްލިގެންދާނެ ކަމަށެވެ.
ޤާނޫނު އަސާސީގައި އެގޮތަށް ބުނެފައިވީނަމަވެސް ބަންޑާރަ ނައިބްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސް ނުކުރެވޭނެ ކަމަށެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ކަނޑައަޅައިދިނުމަށް ބަންޑާރަ ނައިބްގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހު ކުރިއަށްގެންގޮސްފައިވާއިރު، ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ ސިޔާސީ ބޭނުމަށްޓަކައި، އެކަށީގެންވާ ސަބަބެއް ނެތި ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އޮންނަ ސިފައެއް ނޫންކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ ހަމައެކަނި ބަރުލަމާނީ ނިޒާމެއްގައިކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވެފައިވެއެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ، ސިޔާސީ ބޭނުމަށްޓަކައި ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރުމުން، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާކަމަށެވެ. އަދި ސަރުކާރުން ހިންގުމަށް އެކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިވެގެންދާ ކަމަށް ވަކީލް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލް ވަނީ ރިޔާސީ ނިޒާމްގައި ވެރިކަން ކުރާ ބައެއް ޤައުމުތަކުގައި ކަންތައްތައް ކުރާގޮތް ފާހަގަކުރައްވާފަ އެވެ. އެގޮތުން ރިޔާސީ ނިޒާމެއްގައި ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރަނީ އެކަށީގެންވާ ސަބަބުތައް އޮވެގެންކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
އެކަށީގެންވާ ސަބަބެއް ނެތި އިތުބާރު ނެތްކަމަށް ފާސްނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ އެކަށީގެންވާ ސަބަބަކީ ކޮބައިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުން އެގޮތަށް ސުޕްރީމް ކޯޓުގައި އެދުނުއިރު ރާއްޖެޓީވީއަށް އެނގިފައިވާގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންނަނީ ތިން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ހުށައެޅުމަށް ތައްޔާރުވަމުންނެވެ.