ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނީފްގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ހަނީފްގެ ބަންދަށް އިތުރުކޮށްފައިވަނީ ފަސް ދުވަހެވެ.
ހަނީފް ހައްޔަރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ވެސް ކުރި އެވެ. ނަމަވެސް ހައިކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ކަނޑައަޅާފައެވެ.
ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން ހަމަ އެ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ހައިކޯޓުން ކުރި ހުކުމުގައި ވަނީ ހަނީފުގެ މައްޗަށް ކުރެވިފައިވަނީ ޓެރަރިޒަމުގެ ތުހުމަތު ކަމަށްވާތީ ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖުތަމައުއަށް ނޭދެވޭ އަސަރުކޮށްފާނެތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޯމް މިނިސްޓްރީއިން ކަނޑައަޅާތަނެއްގައި އޭނާ ބަންދުކުރުމަށް ދައުލަތުން އެދިފައިވާކަން ފާހަގަކޮށްފަ އެވެ.
ހުކުމުގައި ބުނެފައިވަނީ ހަނީފުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ހައިކޯޓުގެ ފަނޑިޔާރަކަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުކަމުގައިވާއިރު، އެއީ ކުށުގެ ޒާތާއި ތަބީއަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބެލުމުން ހަނީފުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ގަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާކަން ވެސް އެނގެން އޮންނަ ކަމަށް ބުނެފައިވެ އެވެ.
ހައިކޯޓުން ބުނީ އެފަދަ ތުހުމަތެއްގައިވާ ފަރާތެއް މިހިނދަށް ދޫވެފައި ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއް ކަމުގައި ބެލެވެން އޮންނަ ކަމަށާއި އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުގައި ހަނީފް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.